ބީއެމްއެލްގެ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރު ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން މިދިޔަ އަހަރު ފެށި ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމައި ދެވަނަ ބުރު ފަށައިފިއެވެ.ރޭ ޗަމްޕާ ސެންޓްރަލްގައި ބޭއްވި ހަފްލާއެއްގައި ފުރަތަމަ ބުރު ފުރިހަމަ ކުރި 14 ބައިވެރިއަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. އަދި ދެވަނަ ބުރަށް ހޮވުނު 15 ބައިވެރިއަކަށް ވަނީ އެޕޮއިންޓްމަންޓް ލެޓާ ހަވާލުކޮށްފައެވެ. ބައިވެރިންނަށް ހަނދާނީ ލިޔުމާއި އެޕޮއިންޓްމަންޓް ލެޓާ ދެއްވީ ބޭންކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އައިޝަތު ނޫރައްދީންއެވެ.އެ ހަފްލާގައި ވާހަކަފުޅުދައްވަމުން އައިޝަތު ނޫރައްދީން ވިދާޅުވީ އިންޓާންޝިޕް ޕްރޮގްރާމްގެ ފުރަތަމަ ބުރު ކާމިޔާބު ކަމާއެކު ނިމި ދެވަނަ ބުރު ފެށުމަކީ ލިބޭ އުފަލެއް ކަމަށެވެ.އޭނާ ވިދާޅުވީ ބީއެމްއެލުން ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބޭނެ ކަމަށާއި، ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ ފަހި ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.ބީއެމްއެލުން ކުރިއަށްގެންދާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމަކީ "ބީއެމްއެލް ޕްރޮސްޕެކްޓް" ގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، އެއް އަހަރަށް ހިންގާ ޕްރޮގްރާމެކެވެ. އެ މުއްދަތުގައި ބައިވެރިންނަށް ބޭންކުގެ އެކިއެކި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލުން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ