ތިމަރަފުށީ ދާއިރާގެ މެންބަރު ޕީޕީއެމް އާއި ގުޅިވަޑައިގެންފި

ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު ޝަރީފް އަލުން އަނބުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ގުޅިވަޑައިގެންފި އެވެ.
ޝަރީފް ޕީޕީއެމް އާއި ގުޅިވަޑައިގެންފައިވަނީ މިރޭ ޕީޕީއެމް އާއި އެމްޑީއޭ ގުޅިގެން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެވެ. އޭނާ ޕީޕީއެމަށް ސޮއިކުރެއްވުމަށްފަހު ފޯމް ވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ހަވާލުކުރައްވާފައެވެ.
ޕީޕީއެމްއަށް މަޖިލީހުގެ ގާނޫނީ ހައިސިއްޔަތު ހޯދަދިން ޝަރީފް ކުރިން ހުންނެވީ ރައީސް ޑރ.މުހައްމަދު ވަހީދު ނިސްބަތްވެވަޑައިގަންނަވާ ގައުމީ އިއްތިހާދު ޕާޓީގައި އެވެ. ނަމަވެސް އޭނާ ތިމަރަފުށި ގޮނޑިއަށް ކުރިމަތިލެއްވީ ޕީޕީއެމް ޓިކެޓުގައި އެވެ.
ޕީޕީއެމް އަށް ސޮއިކުރެއްވުމަށްފަހު ޝަރީފް ވިދާޅުވީ ޕީޕީއެމްއަށް ބަދަލުވީ މިގައުމު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދުގެ ކިބައިން ސަލާމަތްކުރެވޭނެ ކަމަށް ގަބޫލުކުރެވެނީ ޕީޕީއެމް އާއި އަދި ޕީޕީއެމްއާއި ގުޅިފައިވާ ފަރާތްތަކަށް ކަމުގައިވާތީ ކަމަށެވެ.
އަދި މިކަމުގައި ޕީޕީއެމަށް ކާމިޔާބު ދެއްވުމަށް އެދޭ ކަމަށް ވެސް އޭނާ މިރޭ ވިދާޅުވި އެވެ.
ޝަރީފް މީގެކުރިން ގައުމީ އިއްތިހާދަށް ސޮއިކުރެއްވުމަށްފަހު ވިދާޅުވީ އެޕާޓީއާއި ގުޅިވަޑައިގަންނަވަނީ ދާއިރާގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށާއި ގައުމުގެ މަސްލަހަތުގައި ކަމަށެވެ. އަދި ޕާޓީ ބަދަލުކުރަން ނިންމެވީ ތިމަރަފުށި ދާއިރާއަށް އެންމެ ފައިދާ ހުރި ގޮތަކަށް ކަންކަން ކުރެވޭނީ ރައީސް ވަހީދުގެ ޕާޓީއާ ގުޅިވަޑައިގެން ކަމަށް ގަބޫލު ކުރެވިގެން ކަމަށް އޭނާ ކުރިން ވިދާޅުވެފައިވެ އެވެ.
ޝަރީފުވަނީ އޭނާ ޕާޓީ ބަދަލު ކުރުމާއި ބެހޭ ގޮތުން އޭނާގެ ދާއިރާގެ ރައްޔިތުންގެރ ހިޔާލު ވެސް ހޯދާފައެވެ. އޭނާ މީގެކުރިން ވިދާޅުވެފައިވަނީ ދާއިރާގެ ރައްޔިތުން ބޭނުންވަނީ ޕީޕީއެމް ދޫކޮށް ދާން ކަމަށެވެ. ރައްޔިތުންގެ ހިޔާލު ހޯދިއިރު ޝަރީފަށް އެންމެ ގިނަ ވޯޓު ލިބުނު ގުރައިދޫ ރައްޔިތުންނާއި ބައްދަލުކުރި އިރު އެމީހުން ޕާޓީ ބަދަލުކުރަން ދެކޮޅު ހެދި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ