މެމްބަރު ހުސައިން ވަހީދު ސިއްހީ ފަރުވާއެއްގައި

ރައްޔިތުންގެ މަޖިލިހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ވަހީދު ސަލާމުގައި ހުންނަވާތާ ގިނަ ދުވަސްތަކެއް ވުމުން ސޯޝަަލް މީޑިއާގައި ބައެއް މީހުން ސުވާލުކޮށްފައި ވަނިކޮށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެއަށް ޖަވާބެއް ދެއްވައިފި އެވެ.
ޖަލްސާ ފައްޓަވަމުން އެ މަނިކުފާނު ވިދާޅުވީ ހުސައިން ވަހީދު ގެންދަވަނީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި ހުސެން މިވަގުތު އޮންނެވީ ދުބާއީގެ ހޮސްޕިޓަލެއްގަ އެވެ. މައުލޫމާތު ހުރި ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ހާލުކޮޅު ސީރިއަސްވެގެން ދުބާއީއަށް ގެންދިޔަ އިރަށް ވުރެ މިހާރު ތަންކޮޅެއް ރަނގަޅެވެ. އެކަމަކު ހުސެއިންގެ އާއިލާއިން އެކަމާ ބެހޭ އެއްވެސް މައުލޫމާތެއް އާންމެއް ނުކުރައްވަ އެވެ.
"ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އާލާސްކަންފުޅާ އުޅުއްވަނީ. އަދި ޑޮކްޓަރު ވެސް ލަފާ ދެއްވައި، ފަރުވާ ހޯއްދަވަމުން ގެންދެވީ،" ނަޝީދު ވިދާޅުވި އެވެ.
މާމިނގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ސަލާމުގައި ތިއްބަވާތާ ދިގު މުއްދަތެއް ވެއްޖެ އެވެ. ނަމަވެސް އެ ދެ ބޭފުޅުން ސަލާމުގައި ތިއްބެވި ސަބަބެއް އެ މަނިކުފާނު ވިދާޅެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ސަބަބެއް އެ ދެ މެމްބަރުން ވެސް މަޖިލީހަކަށް ނާންގަވަ އެވެ.
"މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް، މިދިޔަ އަަހަރު އެކީގައި ހެން ސަލާމުގައި ހުންނެވީ. އަދިވެސް ސަލާމުގައި ހުންނެވީ،" ނަޝީދު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެ މަނިކުފާނު ވަޑައިގެންނެވި ފަހުން މެމްބަރުންގެ ހާޒިރީ ރަނގަޅުކުރެއް ވުމަށް ނަޝީދު ގެންދަވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ