ގްރޭޓާ މާލެ ކަރަންޓު ވިއުގަ ޖުލައިގައި ނިމޭނެ

މާލެ، ހުޅުލެ އަދި ހުޅުމާލެއަށް އެއް ވިއުގަކުން ކަރަންޓް ދިނުމަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސިނަމާލެ ބްރިޖު ހުރަސްކޮށް އެއް ވިއުގަ އަކުން، ގްރޭޓާ މާލެ ސަރަހައްދަށް ކަރަންޓް ދިނުމަށް "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށް ގެންދާ މަޝްރޫއުގެ 93 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެއް ވިއުގަ އަކުން މާލެ ސަރަހައްދަށް ކަރަންޓް ދިނުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފެށީ 2016 ވަނަ އަހަރު އެވެ.
ސްޓެލްކޯ އިން ބުނީ އެ މަޝްރޫއުގެ ދަށުން ގާއިމު ކުރާ ސަބްސްޓޭޝަންތައް އިމާރާތް ކުރުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރަމުން ދަނީ ބްރިޖުމަތިން ކަރަންޓް ކޭބަލް ހުޅުމާލެއަށް ގެންދިއުމުގެ މަސައްކަތެވެ.
ގްރޭޓާ މާލެ ކަރަންޓު ވިއުގަ ގުޅާލުމުގެ މަސައްކަތް ކުރިއަށް ދަނީ: މިމަސައްކަތް އެއްކޮށް ނިންމައިލެވޭނީ މި އަހަރުގެ ޖުލައި މަހު
--ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯ އިން މިހާރު ކުރިއަށް ގެންދާ މަޝްރޫއު ނިމުމުން މާލެ، ހުޅުލެ އަދި ހުޅުމާލޭގެ އެއްވެސް ސަރަހައްދަކަށް ކަރަންޓުގެ ދަތި ކަމެއް ކުރިމަތިވެއްޖެނަމަ އެ މައްސަލައެއް ހައްލުކުރުން އަވަސްވެ، ހިދުމަތް ދިނުން ފަސޭހަ ވެގެންދާނެ ކަމަށްވެސް މައުލޫމާތު ދީފައިވެ އެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި އިންޓަކަނެކްޝަން ކޭބަލް މެދުވެރިކޮށް މާލެ އާއި ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓް ވިއުގަ ގުޅާލުމުން މި ތިން ސަރަހަށްދަށް ކަރަންޓް ފޯރުކޮށްދިނުމަށްޓަކައި މައި އިންޖީނުގެއެއްގެ ގޮތުގައި ބޭނުންކުރާނީ ހުޅުމާލޭގައި އަލަށް އިމާރާތްކޮށްފައިވާ 50 މެގަވޮޓުގެ އާ އިންޖީނުގެ އެވެ.
މަޝްރޫއު ނިމުމުން ކަރަންޓް ވިއުގައިގެ ކެޕޭސިޓީ މިހާރަށް ވުރެ ވަރުގަދަ ވެގެންދާނެ ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އެގޮތުން ކޭބަލް މެދުވެރިކޮށް މާލެ އާއި ހުޅުމާލެއާ ދެމެދު 50 މެގަވޮޓުގެ ކަރަންޓް ޓްރާންސްފާ ކުރެވިގެންދާއިރު 100 މެގަވޮޓާ ހަމަ އަށް ކަރަންޓް ދޫކުރުމުގެ ގާބިލުކަން އަލަށް އަޅާފައިވާ ކޭބަލްގައި ހުންނާނެ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ