އިދިކޮޅު ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބިރުން އެއްވެސް ވަރަކަށް ފަހަތަށް ޖެހިވަޑައިނުގެންނެވުމަށާއި ދައުލަތުން ކުރި ދައުވާ ސާބިތު ނުވުމަކީ ލިބުނު ނަސްރެއް ކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.
ދައުލަތުން ރިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުންވަނީ ހުކުމްކޮށްފައެވެ. ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުމަށްފަހު ނުކުމެވަޑައިގެން ރިޔާޒު ވިދާޅުވީ ދައުވާ ސާބިތުނުވުމުން މާތް ﷲއަށް ހަމްދު ކުރާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ޝަރީއަތް ނިމިގެން ދިޔަ ގޮތާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ރިޔާޒުގެ ފަރާތުން ފާހަގަ ކުރި ހުރިހާ ޝަކުވާތަކަކަށް ހެން ހުކުމުގައި ރިއާޔަތްކޮށްފައިވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގައި އޭނާގެ އުމުރުގެ 25 އަހަރު ހޭދަ ކުރެއްވި ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް ގާނޫނުތަކައި ހިލާފުވެވަޑައިނުގަންނަވާނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ އޭނާގެ މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް އިއްވުމުން އެއީ އިދިކޮޅު ފަރާތްތަކަށާއި މަޖިލީހުގެ މެންބަރުންނަށް ލިބުނު ނަސްރެއް ކަމަށެވެ. ރިޔާޒު ވިދާޅުވީ ސިޔާސީ ކަންކަމުގައި އުޅޭ އިރު ސިޔާސީ ގޮތުން "ފިކްސް" ކުރަން މަސައްކަތް ކުރާނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲއާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމްގެ މައްސަލަ ވެސް ރިވިއުކޮށް އިންސާފުވެރިކަމާއެކު ނިމިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެދެބޭފުޅުން ވެސް ޖަލަށްލާފައިވަނީ ނުހައްގުން ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
ބިރުން ފަހަތަށް ޖެހިވަޑައިނުގަންނަވާ، މިއީ ނަސްރެއް: އަބްދުﷲ ރިޔާޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ