ސުޕްރީމް ކޯޓުން ކުރާ ހުކުމަކުން މެންބަރުންގެ ގޮނޑި ގެއްލުނަސް މައްސަލައެއް ނެތް - އަބްދުއްރަހީމް

ސުޕްރީމް ކޯޓަށް މިހާރު ހުށައަޅާފައިވާ ދުސްތޫރީ މައްސަލާގައި ހުކުމް އަންނަ ގޮތަކުން ޕީޕީއެމްގައި މިހާރު ތިއްބެވި އިތުރު މެންބަރުން ތަކެއްގެ ގޮނޑި ގެއްލިގެން ދާނެ ފަދަ ހާލަތެއް މެދުވެރިވި ނަމަވެސް އެކަމަށް ޕީޕީއެމް އިން އިއުތިރާޒް ނުކުރާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބުދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ފަރާތުން ހުށައަޅާފައިވާ ދުސްތޫރީ މައްސަލައަށް ތާއީދުކޮށް ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އަނިލް ހުށައެޅުއްވި އެމައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު އެބޭފުޅަކު ޕާޓީ ބަދަލުކުރައްވައިފިނަމަ ނުވަތަ ވިޕްލައިނާއި ހިލާފުވެއްޖެ ނަމަ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވާ މައްސަލަ އެކެވެ.
ޕީޕީއެމްގެ މަޖިލީހުގެ ގިނަ މެންބަރުންތަކެއް އެޕާޓީ ދޫކޮށްދާ މިދަނޑިވަޅުގައި ބަންޑާރާ ނައިބުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށައެޅި އެމައްސަލަ ނިމޭ ގޮތަކުން އެހެން ޕާޓީތަކުގެ ޓިކެޓްގައި އިންތިހާބުވެ އަދި މިހާރު ޕީޕީއެމްގައި ތިއްބެވި މެންބަރުންގެ ގޮނޑި ގެއްލިދާނެ ކަމުގެ ބިރުވެސް ވަނީ އުފެދިފަ އެވެ.
އެކަމާއި ގުޅޭ ގޮތުން އަބުދުއްރަހީމް ވިދާޅުވީ ޕީޕީއެމް އިސްކުރަނީ ވަކި މެންބަރެއް ނުވަތަ މެންބަރުންތަކެއްގެ މަސްލަހަތު ނޫން ކަމަށާއި، އެޕާޓީން އިސް ކުރަނީ އެންމެ ފުރަތަމަ ގައުމީ މަސްލަހަތު ކަމަށެވެ. އަދި އެއީ ޕީޕީއެމްގެ ޝިއާރު ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެމެންބަރަކު އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފިނަ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމައިފިނަމަ، މިހާރު ޕީޕީއެމްގައި ތިއްބެވި މަޖިލިސް މެންބަރުންގެ ތެރެއިން އިތުރު ފަސް މެންބަރެއްގެ ގޮނޑި ގެއްލިގެންދާނެ އެވެ.
އެގޮތުން ހިމެނިވަޑައިގަންނަވަނީ ޖޭޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބު ވުމަށް ފަހު ޕީޕީއެމަށް ސޮއިކުރެއްވި، ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީނާއި، މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދާއި، ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިންގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް އިންތިހާބުވުމަށް ފަހު ޕީޕީއެމަށް ސޮއިކުރެއްވި ވެލިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޔާމީން ރަޝީދާއި، ހޮޅުދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދެވެ.
ސްޕްރީމް ކޯޓުން ހުކުމް އަންނަ ގޮތަކުން ޕީޕިއެމްގެ މެންބަރުންގެ ގޮތުގައި ތިއްބެވި މިމެމްބަރުންގެ ގޮނޑި ގެއްލުނު ނަމަވެސް ފަރުވާލެއް ނެތްކަމުގެ މޭރުމަކުން އަބުދުރަހީމް ވާހަކަފުޅު ދެއްކެވިއިރު އެމައްސަލާގައި އެއިން އެއްވެސް މެންބަރަކު ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްގެ ގިނަ މެންބަރުންތަކެއް ޕާޓީއިން ވަކިވެވަޑައިގަތުމާއެކު މިހާރު ޕީޕީއެމަށް ވަނީ މަޖިލީހުގެ މެޖޯރިޓީވެސް ގެއްލިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ