ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުށަހަޅާނީ އަންހެނެއްގެ ނަން: ޓްރަމްޕް

ވޮޝިންޓަން (ސެޕްޓެމްބަރު 20): އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ރޫތު ބޭޑާ ގިންސްބާގް އަވަހާރަވުމުން ހުސްވެފައިވާ މަގާމަށް އައްޔަން ކުރަން ހުށަހަޅާނީ އަންހެނެއްގެ ނަން ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. އެމެރިކާގެ ރިޔާސީ އިންތިހާބު ބާއްވަން ހަ ހަފްތާއަށް ވެފައި ވަނިކޮށް މިދިޔަ ހުކުރު ދުވަހު ގިންސްބާގް އަވަހާރަވުމުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ އާ ރައީސަކު ހޮވުމުގެ ކުރިން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަން ނުކުރުމަށް ގޮވާލާފަ އެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވި ގޮތުގައި ގިންސްބާގްގެ މަގާމަށް އައްޔަން ކުރާނެ ބޭފުޅެއްގެ ނަން މި ހަފްތާ ތެރޭ ސެނެޓަށް ހުށަހަޅާނެ އެވެ. "އަންނަ ހަފްތާގައި ނަމެއް ހުށަހަޅާނަން. އަންހެނެއްގެ ނަން. އަޅުގަނޑަށް ހީވަނީ ދެންވެސް [ފަނޑިޔާރަކަށް ވާން ޖެހޭނީ] އަންހެނެއްހެން، ސަބަބަކީ އަޅުގަނޑަށް ފިރިހެނުންނަށް ވުރެ އަންހެނުން މާ ކަމުދޭ،" އިއްޔެ ޓްރަމްޕް ވިދާޅުވި އެވެ. މީގެ އިތުރުން ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ އޮންނަ ސެނެޓުގެ ލީޑަރު މިޗް މެކޮނެލް ވަނީ ފަނޑިޔާރު ކަމަށް ޓްރަމްޕް ނަމެއް ހުށަހަޅައިފި ނަމަ، އެކަމާ ބެހޭ ވޯޓެއް ނަގާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން އެ ޕާޓީއަށް ވަނީ ޑިމޮކްރެޓިކް ޕާޓީގެ ފާޑު ކިޔުން އަމާޒުވެފަ އެވެ. އެއީ 2016 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އަވަހާރަވުމުން އެމަގާމަށް އާ ބޭފުޅަކު އައްޔަން ކުރަން ރައީސް ބަރަކް އޮބާމާ މަސައްކަތް ކުރެއްވުމުން މެކޮނެލް އެކަމަށް ދެކޮޅު ހައްދަވާފައި ވާތީ އެވެ. އޭނާ އޭރު ވިދާޅުވި ގޮތުގައި އެ އަހަރަކީ ރިޔާސީ އިންތިހާބު ބާއްވާ އަހަރެއް ކަމުން، އާ ފަނޑިޔާރު އައްޔަން ކުރުމުގެ ބާރު ދޭން ޖެހޭނީ ރައީސް ކަމަށް ދެން ހޮވޭ ބޭފުޅަކަށެވެ. އޭގެ ފަހުން ޓްރަމްޕް ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އޭނާ ވަނީ ސުޕްރީމް ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު އައްޔަން ކުރައްވާފަ އެވެ. އަދި އޭނާ އިތުރު ފަނޑިޔާރަކު އައްޔަން ކުރައްވައިފި ނަމަ އެ ކޯޓުގައި ތިއްބަވާ، ޑިމޮކްރެޓިކް ރައީސުން ހިޔާރު ކުރެއްވި ފަނޑިޔާރުންނަށް ވުރެ ރިޕަބްލިކަން ރައީސުން ހިޔާރު ކުރެއްވި ބޭފުޅުންގެ އަދަދު ގިނަ ވާނެ އެވެ. އެއީ ރިޔާސީ އިންތިހާބުގައި ޓްރަމްޕްގެ މަގުބޫލުކަން އިތުރުވެގެން ދާނެ ކަމެއް ކަމަށް އޭނާ ދެކިލައްވަ އެވެ. އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޓަޔާ ކުރައްވަން ނުނިންމަވާހާ ހިނދަކު އުމުރަށް އެ މަގާމުގައި ތިއްބެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ