މުސްލިމުން މަރާއި އަދުއްވުނާއި ދެކޮޅަށް ބަދު ދުއާ ކުރުމަކީ ހުއްދަ ކަމެއް - މައުމޫން

މުސްލިމުންނާއި ދެކޮޅަށް ހަނގުރާމަކުރާ އަދި އިސްލާމް ދީނުގެ އަދުއްވުންގެ މައްޗަށް ބަދު ދުއާ ކުރުމަކީ އިސްލާމް ދީނުގައި ކުރުން ރަނގަޅު ކަމެއް ކަމަށާއި އެއީ ހުއްދަ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ފައުންޑޭޝަންގެ ފަރާތުން ރަމަޟާން މަހު ކުރިއަށްގެންދާ އިހްޔާ ފޯރަމްގެ ތެރެއިން ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މުސްލިމުން މަރާއި މީހުން ނިކަމެތި ކުރުމަށް އެދި ދުއާ ކުރުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ.
ރައީސް މައުމޫން ވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށާއި ފަލަސްތީނު ރައްޔިތުންނާއިއެކު ތިބިކަން ހާމަކުރުމުގެ ގޮތުން މާލޭގައި ބޭއްވި ހިނގާލުން ނިންމާލުމުގެ ކުރިން ކުރެވުނު ދުއާ އާއި ބެހޭގޮތުން ވެސް ވާހަކަފުޅުދައްކަވާފައެވެ.
ރައީސް މައުމޫން ވިދާޅުވީ އެތައް ހާސް ބަޔަކު މާލޭގެ މަގުމައްޗަށް އެއްވެ ހިނގާލި، ހިނގާލުމުގައި ކުރި ދުއާއަކީ ރަނގަޅު ދުއާއެއް ކަމަށާއި އެ ދުއާއަކީ އިސްލާމް ދީނުގައި އެއްވެސް މައްސަލައެއް އޮތް ދުއާއެއް ނޫން ކަމަށެވެ.
"މުސްލިމުންނާއި ދޭތެރޭގައި އިހާނެތި ގޮތް ގޮތަށް އަމަލުކޮށް، މުސްލިމުން މަރާ، އެބައިމީހުންގެ ގެދޮރުން ބޭރުކޮށް، އެކި އެކި އަނިޔާކުރާ މީހުންނާއި ދޭތެރޭގައި، އެބައިމީހުންނަށް މާތް ﷲ ނިކަމެތި ދެއްވުން އެދި ދުއާ ކުރުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް، އެއީ އަޅުގަނޑުމެން އަތުގައި އޮތް ހަތިޔާރު." މައުމޫން ފައުންޑޭޝަންގެ ޗެއާމަން ކަން ވެސް ކުރައްވަމުން ގެންދަވާ ރައީސް މައުމޫން ވިދާޅުވި އެވެ.
އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ބޭއްވި ހިނގާލުމުގައި 14،000 (ސާދަ ހާސް) އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު އެހިނގާލުމަށްފަހު ކުރެވުނު ދުއާގައި ފަލަސްތީން ރައްޔިތުންނަށް ނަސްރު ދެއްވުމަށާއި އެބައިމީހުންނަށް މަދަދު ދެއްވުމަށާއި ޔަހޫދީން ބޮޑު ބައްޔަކުން ބަލި ކުރެއްވުމަށް އެދިފައި ވެ އެވެ. އަދި ޔަހޫދީން ނެތި ކުރެއްވުމަށާއި ޣައްޒާގެ ރައްޔިތުންނަށް ނަސްރު ދީ އެރައްޔިތުންނަށް ރިޒްގު ދެއްވުމަށް ވެސް ދުޢާ ކުރެވިފައި ވެ އެވެ.
މީގެއިތުރުން ޔަހޫދީން ހަލާކުރެއްވުމަށާއި އެމީހުންނަށް ފޮނުއްވާ އަޒާބަކީ ދެމިތިބި ބަޔަކަށް ޢިބްރަތެއް ކަމުގައި ލެއްވުމަށް އެދި ދުއާ ކޮށްފައިވެ އެވެ.
ދުއާ އިޖާބަ ކުރެއްވުމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން އިތުރަށް ވިދާޅުވީ ތިމާގެ އަމިއްލަ ނަފްސުގެ މައްޗަށާއި، ތިމާގެ ދަރިންގެ މައްޗަށާއި އެހެން މުސްލިމުންގެ މައްޗަށް ބަދު ދުއާ ކުރުމަކީ ދީނުގައި ހަރަން ކުރައްވާފައިވާ ކަމެއް ކަމަށެވެ.
އަދި ހުރިހާ މުސްލިމުންނަކީ އެކަކު އަނެކަކަށް ހެޔޮ އެދެން ޖެހޭނެ ބައެއް ކަމަށާއި އޭރުން އެމީހެއްގެ އީމާންކަން ފުރިހަމަ ވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެހެންވީމަ އެހެން އެއްވެސް މުސްލިމަކަށް ދެރަ ގޮތެއް ވާކަށް އެއްވެސް މީހަކު އެދިގެނެއް ނުވާނެ، އަދި ވަކިން ހާއްސަކޮށް އެފަދަ ކަމަކަށް އެދި ދުއާ ކޮށްގެނެއް ނުވާނެ،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ