ބޮޑެތި އަދަބު ހިމަނައިގެން ކަސްޓަމްސް ބިލު ފާސްކޮށްފި

ގާނޫނާ ހިލާފު އަމަލުތައް ހިންގާ ފަރާތްތަކަށް ބޮޑެތި އަދަބުތައް ހިމަނައިގެން ކަސްޓަމްސްގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޖަލްސާގައި ތިއްބެވި 68 މެންބަރުންގެ ތެރެއިން 41 މެންބަރުން ވޯޓު ދެއްވައިގެން ފާސްކުރި މި މި ބިލުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސް އަކީ ސިވިލް ސާވިސްގައި ނުހިމެނޭ މަދަނީ ހިދުމަތެއްކަމަށް ކަނޑައަޅައި ކަސްޓަމްސް ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މިނިސްޓަރެއްގެ ބެލުމުގެ ދަށުން ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އެ ބިލުގައި ސިއްރުން މުދާ އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރާ ފަރާތްތަކަށާއި، މުދަލުގެ އަގު އޮޅުވާލައިގެން އެތެރެ ކުރާ ފަރާތްތަކާއި ގާނޫނުތަކުން މަނާކޮށްފައިވާ މުދާ އެތެރެކުރާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތެރޭގައި ސިއްރުން މުދާ އިންޕޯޓްކޮށް އެކްސްޕޯޓް ކުރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި އެ މުދަލެއް ނުވަތަ އެ ފައިސާއެއް ހިފެހެއްޓުމުގެ ބާރު، ކަސްޓަމަށް ލިބިދެ އެވެ. އަދި އެފަދަ ކުށެއްކުރާ މީހަކު ހަ މަސްދުވަހާއި ދެ އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން، ނުވަތަ 10،000ރ. އާއި 240،000 ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ދީފައި ވެއެވެ. އަދި އެ ކުށް ތަކުރާރުކޮށްފިނަމަ އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ 50،000 ރ. އިން ޖޫރިމާނާ ކުރުން އެ އަދަބުގެ ތެރެއަށް އިތުރު ކުރުމަށް ވެސް ބިލުގައި ކަނޑައަޅާފައި ވެއެވެ. އޮޅުވާލައިގެން ދަށް އަގެއްގައި މުދާ އެތެރެ ކޮށްފި ނަމަ މުދަލުގެ އެފްއޯބީ އެކި ޕަސެންޓަށް ބޮޑު ކުރުމުގެ ބާރު ވެސް މި ބިލުން ކަސްޓަކަށް ވަނީ ލިބިދީފަ އެވެ.
ކަސްޓަމްސްގެ އޮފިސަރުންނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި، މުދަލެއް އެތެރެކޮށް ބޭރު ކުރުމުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިނަމަ އެކަމެއް ތަހްގީގު ކުރުމުގެ ގޮތުން ޝައްކުވާމީހާ 24 ގަޑިއިރަށް ކަސްޓަމްސް އޮފިސަރުންނަށް ހިފެހެއްޓެ އެވެ. އަދި އޮފިސަރެއްގެ މަސައްކަތަށް ހުރަސް އަޅާނަމަވެސް ހިފެހެއްޓުމުގެ ބާރު ދީފައި ވެ އެވެ.
ކަސްޓަމްސްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާ ކުރުމުގެ ކަންތައްތައް ރާވައި ކަސްޓަމްސްގެ ކަންކަން ދުވަހުން ދުވަހަށް ހިންގައި ބަލަހައްޓާނެ އެންމެ އިސް ފަރާތަކީ، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި ކޮމިޝަނާ ޖެނެރަލާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް މީހަކު އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު ދީފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އަށެވެ. ކަސްޓަމްސްގެ އޮފިސަރުންގެ މުސާރަ ކަނޑައަޅުމުގެ ބާރުވެސް ދީފައި ވަނީ ރައީސަށެވެ. ބިލުގައިވާ ގޮތުން ކަސްޓަމްސް އޮފިސަރުންގެ މަގާމު ތަކާއި ރޭންކްތައް ކަނޑައަޅައި ހަމަޖައްސާނީ މިނިސްޓަރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހި ރާއްޖޭގެ ގައުމީ ބަހަށް އިސްކަން ދިނުމުގެ ބިލު ވެސް ވަނީ ފާސް ކުރައްވައިފަ އެވެ. އެ ބިލު ފާކުރެއްވީ ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ