4 ދުވަހަށްފަހު ތިނަދޫގެ ގެތަކަށް ކަރަންޓުގެ ޚިދުމަތް ދީފި

ގދ ތިނަދޫގައި ފެނަކަ ކޯޕޮރޭޝަނުން ހިންގާ އިންޖީނުގެ އަންދައިލުމުން 4 ދުވަސްވަންދެން ކަރަންޓުގެ ޚިދުމަތް ގޭބިސީތަކުން މެދުކެނޑިފައި އޮތުމަށްފަހު ދާދި ދެންމެ ކަރަންޓުގެ ޚިދުމަތް ރަށުގެ ހުރިހައި ގެތަކަށް ދީފިއެވެ.
ތިނަދޫ ގޭގެއަށް ކަރަންޓުގެ ޚިދުމަތް ދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އެވެ.
ފެނަކަ ކޯޕޮރޭޝަނުގެ ސީއީއޯ މުޙައްމަދު ނިމާލް ވިިދާޅުވީ ކުރިން އަންދަޒާކުރެވިފައި އޮތީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނީ މާދަމާ ކަމަށާއި ނަމަވެސް އެއަށްވުރެ އަވަހަށް ކަރަންޓް ދުކުރެވުނީ ކުންފުނީގެ މުވައްޒިފުންނާއި އެހެން މުއައްސަސާތަކުން ގުޅިގެން އެކުގައި ކުރި މަސައްކަތްތަކުން ކަމަށެވެ.
ތިނަދޫ ގެތަކަށް ކަރަންޓު ދޫކޮށްފައިވަނީ ސްޓެލްކޯއިން ދިން 2 ޖަނަރޭޓަރެއް ބޭނުންކޮށްގެންނެވެ. ނިމާލް ވިދާޅުވެފައިވަނީ މީގެ އިތުރުންވެސް 1 މެގަވޮތަށްވުރެ ގިނަ ކަރަންޓް އުފައްދާ ޖެނެރޭޓަރެއް ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާއްޞަ އިނާޔަތެއްގެ ގޮތުގައި މާދަމާ އެރަށަށް ލިބި ކަރަންޓުގެ މައްސަލަ އެކުގައި ޙައްލުކުރެވޭނެ ކަމަށެވެ.
ތިނަދޫ އިންޖީނުގެ އަނދައިގެން ދިއުމުން ލިބުނު ގެއްލުމުގެ އަގު ވަނީ 22 މިލިއަން ރުފިޔާއަށް އަރައިފައެވެ.
ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް މިއަދު ވިދާޅުވީ މާލީ ގޮތުން ލިބުނު ގެއްލުމަސްވުރެ ކަންބޮޑުވެވަޑައިގަންނަވަނީ ރައްޔިތުންނަށް އުފުލަން ޖެހުނު ތަކުލީފްތައް ބޮޑުކަމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ