ޖޭޕީގެ ކެއުންސިލުން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުން މިއަދު ހަވީރު ކުރިއަށް ގެންދާނެ!

ޖުމްހޫރީ ޕާޓީގެ ކައުންސިލުން ހުސްވެފައިވާ މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރުން މިއަދު ހަވީރު ބާއްވާ ކައުންސިލު ބައްދަލުވުމެއްގައި ކުރިއަށް ގެންދަން ނިންމައިފިއެވެ.
ޕާޓީގެ އަމީން ޢާންމު އަހްމަދު ސަމިރު މިއަދު ވިދާޅުވީ މިކަމަށްޓަކައި ބާއްވާ ކައުންސިލު ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00ގައި ޕާޓީގެ މައި އޮފީސް މ. ކުނޫޒުގައި ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ހުސްވެފައިވާ ނައިބް ލީޑަރުންގެ 2 މަޤާމުގެ އިތުރުންވެސް މިހާރު ހުސްވެފައި ހުރި ހުރިހައި މަޤާމުތަކަށް މެންބަރުން އައްޔާނުކުރާނެ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުޞަތު މިހާރު ހަމަވެފައިވީ ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ އެންމެ ފަހު ވަގުތާއި ހަމައަށްވެސް ފޯމްތައް ބަލައިގަންނަން މަސައްކަތްކުރަމުން ގެންދާނެ ކަމަށެވެ، "ވަރަށް ގިނަ ބައަކު އަދިވެސް ދަނީ އެދެމުން. އެހެންކަމުން ޤާބިލު ކެންޑިޑޭޓުންނަށް ފުރުޞަތު ދިނުމަށް ކުރެވެންހުރި ހުރިހައި މަސައްކަތްތަކެއް ޕާޓީން ކުރާނެ."
މިހާރު ކުރިމަތިލާފައިވާ ފަރާތްތަކުގެ ޤާނޫނީ ފޯމްތައް ފުރުމުގެ މަސައްކަތްތައްވެސް ކުރަމުން ގެންދާ ކަމަށްވެސް ސަމީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ