ވޭތުވެދިޔަ 10 މަސްތެރޭގައި 2710 މައްސަލަ ހުށައަޅާފައިވޭ - ފުލުހުން

މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ފުލުހުންނަށް ދެހާސް ހަތްސަތޭކައަށްވުރެ ގިނަ މައްސަލަ ހުށައަޅާފައިވާކަމަށް ފުލުހުން ހާމަކުރައްވައިފިއެވެ. ފުރަބަންދު ތެރޭގައި މާލޭގައި ކުށް ކުރުން މަދުވެފައި އޮތުމަށްފަހު ލުއިތައް ދޭން ފެށިފަހުން ކުށްކުރުން އިތުރުވަމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުންގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒް ވިދާޅުވީ މިއަހަރުގެ ފުރަތަމަ 10 މަސްދުވަހުގެ ތެރޭގައި ދެހާސް ހަތްސަތޭކަ ދިހަ މައްސަލަ މާލެއިން ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. މީގެތެރޭގައި ގިނައީ ވައްކަންކަމުގެ މައްސަލަތަކެވެ. އެގޮތުން ވަގަށް ނަގާފައިވާ ތަކެތީގެ ތެރެއިން ގާތްގަނޑަކަށް 1.9 މިލިއަން ރުފިޔާގެ މުދާ ހޯދާ ވެރިފަރާތާ ޙަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މާލޭގައި ވައްކަން އިތުރުވެފައިވާކަމަށް ފުލުހުން ވިދާޅުވާއިރު ވައްކަން އިތުރު ވެފައިވަނީ މާލެ ތެރޭގައި ކުށްކުރާ މީހުން އިތުރުވެފާތީކަމަށް ތަޙުގީގުތަކުން އިނގޭކަމަށް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒް ވިދާޅުވިއެވެ. އެގޮތުން ކުށްކުރާ މީހުންގެ ތެރޭގައި މަސްތުވާތަކެތީގެ ކުށް ސާބިތުވެ ފަރުވާ ހޯދުމަށް ޙުކުމްކޮށްފައި އެފުރުސަތު ނުލިބި ތިބި މީހުންނާއި ޕޭރޯލްގެ ދަށުން މާފުކޮށްފައިތިބި މީހުން ހިމެނޭކަން ފުލުހުންގެ ތަޙްޤީގަށް ފާހަގަވެފައިވާކަން ނޫސްވެރިންގެ މިބައްދަލުވުމުގައިވަނީ ހާމަކުރައްވާފައެވެ.
ފުލުހުން ވިދާޅުވީ ޢާއްމުންގެ މުދަލާ މެދު ފަރުވާތެރިވާންޖެހޭ މިންވަރަށް ފަރުވާތެރި ނުވެވުމަކީވެސް ވައްކަން އިތުރުވާން މެދުވެރިވާ ސަބަބެއްކަމަށެވެ. އަދި އަގުބޮޑު މުދަލާއި ތަކެތި ނުއަގުގައި ގަންނަކަން ފާހަގަކުރެވޭކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.
މާލެއިން ގެއްލޭ ސައިކަލުތަކުގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރައްވަމުން، ރަށުން ބޭރަށް ގިނަ ދުވަހަށް ދާނަމަ ސައިކަލް ތަޅުލާ ނުވަތަ ކޮންމެވެސް މީހަކާ ޙަވާލުކުރުމަށް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި އަމާން ވެއްޓެއް ޤާއިމުކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ގުޅިގެން ފުލުހުން މަސައްކަތްކުރައްވަމުންދާއިރު މިކަމުގައި ޢާއްމުންގެ އެއްބާރުލުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ