ޤުރުއާން އެސްއެސްސީ މާއްދާއެއްގެ ގޮތުގައި ހިމަނަނީ

އަންނަ އަހަރުން ފެށިގެން ޤުރުއާން އެސްއެސްސީ މާއްދާއެއްގެ ގޮތުގައި ހިމެނުމަށް މަޝްވަރާކުރެވެމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވެއްޖެ އެވެ.
ސްޓޭޓް މިނިސްޓަރު މިހެން ވިދާޅުވީ ހިންމަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި ޤުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
އަބްދުﷲ ރަޝީދު ވިދާޅުވީ ސަރުކާރުން މިހާރު ކުރިއަަށްވުރެ ބޮޑަށް ކީރިތި ޤުރުއާނަށާއި އެކަމަުގެ އިލްމަށް އިސްކަންދޭ ކަމަށެވެ.
މިހާރު ގްރޭޑް ދިހައެއްގައި ތައުލީމް ހާސިލްކުރާ ދަރިވަރުން އެސްއެސްސީ އިމްތިހާނު ހަދަނީ ދިވެހި، އިސްލާމް މާއްދާއިން އެކަންޏެވެ.
ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ އެސްއެސްސީގެ މާއްދާއެއްގެ ގޮތުގައި ޤުރުއާން ހަމަޖެއްސުމުން ދަރިވަރުން އެސެސްކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލާ އެޑިޔުކޭޝަން މިނިސްޓްރީން އެ އުސޫލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ. މިކަމާ ގުޅޭ މަޝްވަރާތައް ކަމާ ގުޅޭ އިދާރާތަކުގެ މެދުގައި ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުﷲ ރަޝީދު އިތުރަށް ވިދާޅުވީ ޤުރުއާންގެ އިލްމު އުނގެނޭ ދަރިވަރުންނަކީ އެހެން މާއްދާތަކަށްވެސް މޮޅު ދަރިވަރުންކަން ފާހަގަކުރެވޭ ކަމަށެވެ. އެހެންކަމުން ތައުލީމު ހާސިލްކުރާ ހުރިހާ ދަރިވަރުންނަކީވެސް ޤުރުއާނުގެ އިލްމު އުނގެނޭ ދަރިވަރުންނަށް ވުމަށް ސްޓޭޓް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ. އަދި ޤުރުއާން ކިޔަވާއިރު އެއީ ދެއްކުންތެރިކަމުގެ ގޮތުގައި ކުރާ ކަމެއްގެ ބަދަލުަގައި ﷲއަށްޓަކައި ކުރާ ކަމެއްގެ ގޮތުގައި ދެކިގެން ޤުރުއާން ކިޔެވުމަށްވެސް ސްޓޭޓް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ