އިއްތިހާދުގައި ރެނދެއް އަޅާ ތަނެއް ނުފެންނާނެ: ރައީސް މައުމޫން

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި އިއްތިހާދުގައި ރެނދު އަޅައި ރޫޅޭ މަންޒަރު ރައްޔިތުންނަށް ނުފެންނާނެ ކަމަށް ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބް ކަމަށް އިންތިހާބުވެވަޑައިގެންފައިވާ ފައިސަލް ނަަސީމާ މިއަދު ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އިއްތިހާދުގެ ހުރިހާ ބައިވެރިންވެސް ތިބީ ވަރަށް ސާބިތުކަން މަތީގައި އިއްތިހާދު ދެމެހެއްޓުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއްވެސް ކުރަން ތައްޔާރަށް ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ވެސް އިއްތިހާދު ރޫޅިގެން ނުދާނެ ކަމާށާއި ހުރިހާ ބައިވެރިން ތިއްބަވާނީ އެކުގައިކަން ހުރިހާ ރައްޔިތުން ޔަގީން ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރުވެސް ހަމަވާން ކައިރިވެފައިވާއިރު އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް އިއްތިހާދުން އަމަލުކުރާނީ ވަރަށް ހަމަހަމަ ގޮތެއްގައި ރަނގަޅަށް ރޭވިގެން އަދި މަޝްވަރާކުރެވިގެން ގުޅިފައިވާ އެއްބަސްވުމެއްގެ ތެރެއިން ކަމަށެވެ. ރައިސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވެވަޑައިގެންފައިވާ އިބްރާހީމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށްފަހު މަގާމާ ހަވާލުވެވަޑައިގެން އިއްތިހާދު ކުރިއަށް ގެންދަވާނެ ގޮތް ނިންމަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ދެން އުފައްދާ ސަރުކާރަކީ ވަކި މީހެއްގެ އަދި ވަކި ޕާޓީއެއްގެ ސަރުކާރަކަށް ނުވާނެ ކަމަށެވެ. އަދި އާ ސަރުކާރުން ހުރިހާ ރައްޔިތުންނާ މެދުވެސް ހަމަހަމަކޮށް އަމަލުކުރައްވާނެ ކަަމަށްވެސް ވިދާޅުވި އެވެ. އާ ސަރުކާރުގެ އެންމެ ބޮޑު ޒިންމާއަކަށް ވާނީ ވެސް ކަންކަން ހަމައަކަށް އަޅުވާ މުއައްސަސާތައް ހަަމަމަގަށް އެޅުވުން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބާ ގުޅުވައިގެން މައްސަލަތަކެއް އުފައްދައިގެން ރައިސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިން މުޒާހަރާ ކުރަން ރައްޔިތުންނަށް ގޮވާލައްވަމުން ގެންދަވާތީ ރައްޔިތުންގެ އަރިހުގައި އެދިވަޑައިގަންނަން އޮތީ އެންމެ ކަމެއް ކަމަށެވެ. އެގޮތުން ރައީސް މައުމޫން ވަނީ ގާނޫނޫތަކަށް ހުރުމަތްތެރިކޮށް ހިތައި ގާނޫނޫއަސާސީއާއި ގާނޫނުގައިވާ ގޮތުގެ މަތީން އަމަލުތައް ބެހެއްޓުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އިލްތިމާސް ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ