ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު މަޖިލީހުގެ މެންބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މަޖިލިސް ކުރާ ގޭގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދަކީ އެމަނިކުފާނު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެންމެ ފަހު ދުވަސް ކަމަށެވެ. މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި ފެނިވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ދިވެހި ގައުމާއި ރައްޔިތުންނަށް އިހްލާސްތެރި ހިދުމަތްތަކެއް ސަރުކާރުގެ ތެރެއިން ކޮށްދެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން އިބްރާހީމް މުހައްމަދު ސޯލިހް ހަވާލުކުރައްވާ ކޮންމެ މަސައްކަތެއް ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނު ޒުވާން އުމުރުގައި މަޖިލިސް މެންބަރު ކަމަށް އިންތިހާބުވީ، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކަމަށާއި ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު މަޖިލީހުގައި ފުރިހަމައަށް އަދާކުރެއްވުނު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަން ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަޖިލީހަކީ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ތަނަކަށް ހަދައިދީފައިވާނެ ކަމަށާއި، މަޖިލީހުގެ ރައީސް ކަމުގައި މަސައްކަތް ކުރައްވާފައިވާނީ ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވައިދާއި އުސޫލުތަކާ އެއްގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މިހާރު ހިނގަމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވަރަށް ގިނަ ކަންތައްތައް ހަމައާއި އުސޫލުގެ ބޭރުންކޮށްފައިވާ ކަމަށާއި މެންބަރުން އެކަމާ ދެކޮޅަށް މަސައްކަތް ވެސް ކުރެއްވި ކަމަށެވެ. ރައްޔިތުންގެ މަޖިލިސް ކުރިއަށް ދާންވާނީ ހާމަކަން ބޮޑު ގޮތެއްގައި އަދި ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
ޑީއާރްޕީގެ ޓިކެޓްގައި 17 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެ، މަޖިލިސް ރައީސް ކަމުގައި ހުންނެވުމަށްފަހު އެމްޑީޕީއަށް ސޮއި ކުރެއްވުމަކީ ރަނގަޅަށް ކުރެއްވުނު ކަމެއްތޯ ދެންނެވުމުން ޝާހިދު ވިދާޅުވީ ޑީއާރްޕީއަކީ އެމަނިކުފާނު ވެސް ހިމެނޭ ގޮތަށް ކުރީގެ ރައީސް މައުމޫން އުފެއްދެވި ޕާޓީއެއް ކަމަށެވެ. އެހެންކަމުން ރައީސް މައުމޫން ޑީއާރްޕީ ދޫކުރައްވާ ވަޑައިގަތުމާ ގުޅިގެން އެޕާޓީ އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީގައި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފަ އެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އެމަނިކުފާނު މަޖިލީހުގައި ހުންނަވައިގެން އެންމެ ފަހުން މަޖިލީހަށް ހުށަހެޅުއްވި ބިލަކީ ގާނޫނުއަސާސީގައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގެއް އަބުރުގެ ގާނޫނުގެ ނަމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިގުޅައިގެންފައިވާތީ އަބުރުގެ ގާނޫނު އުވާލުމަށް ހުށަހެޅުއްވި ބިލް ކަމަށެވެ. އަބުރުގެ ގާނޫނު އުވާލުމަށް މަޖިލީހުގެ ގިނަ އަދަދެއްގެ މެންބަރުންގެ ވޯޓުން މިއަދު ފާސްކޮށްފައިވާތީ މެންބަރުންނަށް ޝުކުރުއަދާކުރައްވަމުން ޝާހިދު ވިދާޅުވީ މިއީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ފަރާތުން ދިވެހި ރައްޔިތުންނާއި މީޑިއާއަށް ދެއްވާ ހަދިޔާއެއް ކަމަށެވެ. އަބުރުގެ ގާނޫނު އުވާލުމުގެ ބިލް ރައީސް ޔާމީން ތަސްދީގު ނުކުރައްވައިފިނަމަ އިބްރާހީމް މުހައްމަދު ސޯލިހް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު އެންމެ ފުރަތަމަ ތަސްދީގު ކުރައްވާނެ ބިލަކީ އަބުރުގެ ގާނޫނު އުވާލުމުގެ ބިލް ކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފަ އެވެ.
ޝާހިދު ވަނީ މަޖިލީހުގައި ފަސް ދައުރު، ޖުމްލަ 25 އަހަރު ހިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ ވ. އަތޮޅުގެ ރައްޔިތުންނަށާއި، ކެޔޮދޫ ދާއިރާގެ ރައްޔިތުންނަށާއި، ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ އިތުރުން އެމަނިކުފާނާއެކު އެކި ދައުރުތަކުގައި މަޖިލީހުގައި މަސައްކަތް ކުރެއްވި މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނު މަޖިލިސް ރައީސް ކަމުގައި ހުންނެވި ދުވަސްވަރު މަޖިލީހުގެ މުވައްޒަފުންނާއި މެންބަރުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމާ އެއްބާރުލުން ފާހަގަކުރައްވާ އެބޭފުޅުންނަށްވެސް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އަބްދުﷲ ޝާހިދު ވަނީ ވ. އަތޮޅުގެ މަޖިލިސް މެންބަރުކަމާއި، ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރުކަމާއި އަދި ހެންވޭރު އުތުރު ދާއިރާގެ މަޖިލިސް މެންބަރު ކަން ކުރައްވާފަ އެވެ. މީގެއިތުރުން މިހާރު އެކުލަވާލާފައިވާ ފެހި ގާނޫނުއަސާސީއާއި އޭގެ ކުރިން އަމަލުކުރަމުން ދިޔަ ނޫގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގައި ވެސް އަބްދުﷲ ޝާހިދު ވަނީ މަސައްކަތް ކުރައްވާފަ އެވެ.
މަޖިލިސް މެންބަރު ކަމުން އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ