ޕީޕީއެމްގެ އާންމު މެންބަރުންގެ ހިޔާލު ހޯދުމަށް ހާއްސަ ހަރަކާތެއް ފެށުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ބާއްވަން ނިންމި ހަފްލާ ކެންސަލް ކޮށްފި އެވެ.
މިހަފްލާ ކެންސަލްކޮށްފައިވާ ކަން ހާމަކުރީ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން މިރޭ ނޫސްވެރިންނާ ބައްދަކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ޔުމްނާ ވިދާޅުވީ މިރޭގެ ހަފްލާ ކެންސަލް ކުރަން މި ހަފްލާ ނުބޭއްވޭނެ ކަމަށް ފުލުހުން އަންގާފައިވާތީ ފުލުހުންނާ ޕީޕީއެމްގެ އާންމު މެންބަރުންނާ ދެެމެދު ހަމަނުޖެހުމެއް ހިނގާފާނެތީ އެކަމަށް ފުރުސަތު ދޭން ބޭނުން ނުވާތީ ކަމަށެވެ.
ރައީސް މައުމޫންގެ ފެކްޝަނުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް ކަމަށް އައްޔަންކުރައްވާފައިވާ އަބްދުﷲ އަލީމް ވިދާޅުވީ ފުލުހުންގެ އެންގުމާ ގުޅިގެން މިރޭގެ ހަފްލާ ނުބާއްވާ ގޮތަށް ނިންމީ މެންބަރުންނަށް ތަކްލީފެއް ޖައްސަން ބޭނުން ނުވާތީ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މެންބަރުންގެ ހިޔާލު ހޯދާނެ އެހެން ގޮތެއް ވަަރަށް އަވަހަށް ޕީޕީއެމްގެ ރައީސްގެ އޮފީހުން އިއުލާންކުރާނެ،" އަލީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ އާންމު މެންބަރުންގެ ހިޔާލު ހޯދުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައި އޮތީ "ޕީޕީއެމްގެ ދިރުން - މެންބަރުންގެ ހިޔާލު" މި ނަމުގަ އެވެ. އަދި މި ހަރަކާތް ފެށުމުގެ ހަފްލާ މިރޭ 8:30 ގައި ބާއްވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ ހ. ތެމާގައި ހިންގާ ޕީޕީއެމްގެ ރައީސްގެ އޮފީހުގަ އެވެ.
ޕީޕީއެމް ދެބައިވެ ޕާޓީ ހިންގުން ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމް ކުރި ފަހުން ރައީސް މައުމޫން ވަނީ މީގެ ކުރިންވެސް ޕާޓީގެ އާންމު މެންބަރުންނާ ބައްދަލުކުރެއްވުމަށް ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް އެޖަލްސާ ބޭއްވުމަށް ސަރުކާރުން އެއްވެސް ތަނެއް ކުއްޔަށް ދޫނުކުރުމުން ކުރިން އެއްވެސް އިންތިޒާމެއް ކުރަން ފުރުސަތު ނުލިބި އެ ޖަލްސާ ކުއްލި ގޮތަކަށް ބޭއްވީ ޝީބިލްޑިންގަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ރައީސް މައުމޫން ކުރައްވަމުން ގެންދެވި ތާއީދު އަނބުރާ ގެންދަވާފައިވާ ކަމަށް އެމަނިކުފާނު އިއުލާންކުރެއްވީ މިޖަލްސާގަ އެވެ.
އާންމުންގެ ހިޔާލު ހޯދަން މައުމޫން ބާއްވަން އުޅުނު ހަފްލާ ކެންސަލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ