ނަޝީދުގެ ޖަލު ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ. މިއީ ޓެރަރިޒަމްގެ ކުށް ސާބިތުވެގެން ކްރިމިނަލް ކޯޓުން ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ނުކުރަން ނަޝީދު ނިންމަވާފައި އޮތުމަށް ފަހު، އެ ނިންމުން ބަދަލުކޮށް، ހުށަހެޅި ފުރަތަމަ އިސްތިއުނާފް މައްސަލަ އެވެ. ސުޕްރީމް ކޯޓަށް މިއަދު ހެނދުނު މައްސަލަ ހުށަހެޅުމަށް ފަހު، ކޯޓުން ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނަޝީދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ވީހާ ވެސް އަވަހަކަށް، އެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުން ކުރިއަށް ގެންގޮސްދޭން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މައްސަލައިގެ ތެރެއިން އެކަމަށް ހައްލު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހިސާން ވިދާޅުވި އެވެ. "އެނގިވަޑައިގަންނަވާނެ ނަޝީދު ޖަލުގައި ހުންނަވަން ޖެހުމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ވަރަށް ބޮޑެތި ފިއްތުންތަކެއް ރާއްޖެ އަށް މިދަނީ ކުރިމަތިކުރަމުން. އެހެންވީމަ މި މައްސަލަ އަށް ހައްލެއް އައުމަކީ ހުރިހާ ރައްޔިތުންގެ ވެސް ވަރަށް ބޮޑު އުއްމީދެއް،" ހިސާން ވިދާޅުވި އެވެ. ވަކީލުންގެ ޓީމުގައި ހިމެނޭ އިބްރާހިމް ރިފްއަތު ވިދާޅުވީ މައްސަލާގައި އެދިވަޑައިގަތީ، އާ ގާނޫނުލްއުގޫބާތުގެ ދަށުން ނަޝީދަށް ލުއި އަދަބެއް ކަނޑައަޅައި ދިނުމަށް ކަމަށެވެ. އަދި ދަށު ކޯޓުން ޝަރީއަތް ހިންގާފައި ވަނީ އަދި އުފުލާފައިވާ ދައުވާ އަކީ ވެސް ބާތިލް ދައުވާއެއް ކަމަށް ވާތީ، ދަށު ކޯޓުގެ ހުކުމާއި އުފުލި ދައުވާ ވެސް ބާތިލްކުރަން އެދިވަޑައިގެންފައިވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ. "ލަސްތަކެއް ނުވެ، ޝަރުއީ މަރުހަލާގެ ތެރެއިން މިކަމަށް ހައްލެއް ލިބި، ނަޝީދު މިނިވަން ވެގެންދާނެ ކަމަށް ގަބޫލު ކުރެވެނީ،" ރިފްއަތު ވިދާޅުވި އެވެ. ނަޝީދުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހެޅިއިރު، ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ވެސް ކުރިން ވަނީ ނަޝީދުގެ މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވަނީ ނަޝީދުގެ ޝަރީއަތާ ގުޅޭގޮތުން އެމަނިކުފާނުގެ ފަރާތުން ފާހަގަކުރި ކަންބޮޑުވުންތަކާ ގުޅިގެން ޕީޖީގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ