ދިއްގަރު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ހޯމަ ދުވަހު ބާއްވަނީ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާއިގެ ބައި އިލެކްޝަންގައި އިދިިކޮޅު އެމްޑީޕީގެ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ ހަފުތާގެ ހޯމަ ދުވަހު ބާއްވަން އެ ޕާޓީން މިއަދު ނިންމައިފި އެވެ. އަދި ޕްރައިމަރީ އަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިއަދު ވަނީ ހުޅުވާލައިފަ އެވެ. އެމްޑީޕީން ކުރި އިއުލާނުގައިވާ ގޮތުން ޕްރައިމަރީ ބާއްވާނީ ޓިކެޓަށް އެދޭ މީހުންގެ ތެރެއިން އެކަކަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވާ ނަމަ އެވެ. ޓިކެޓަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. "މި ޕްރައިމަރީގައި ވާދަކުރައްވަން ބޭނުންފުޅުވާ މެންބަރުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަންޖެހޭ ކުށުގެ ރިކޯޑު ސާފުކޮށް ނިންމުމަށް ދަންނަވަމެވެ،" އިއުލާނުގައިވެ އެވެ. ދިއްގަރު ދާއިރާއަށް އެމްޑީޕީން ކެންޑިޑޭޓެއް ނެރުމަށް ނިންމީ، ސަރުކާރާ އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރޭނެ ކަމަށް އަދާލަތު ޕާޓީން ބުނެފައި ވަނިކޮށެވެ. އެމްޑީޕީން ޕްރައިމަރީއާ ދިމާލަށް މިސްރާބު މިޖެހީ އެކަމަށް ބައެއް މެމްބަރުން ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެގޮތުން އެކަމަށް އެންމެ ބޮޑަށް ޕްރެޝަރުކޮށް ވާހަކަ ދައްކަވަމުން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިނެވެ. އިދިކޮޅު ފަރާތްތަކުގެ ތެރެއިން ދިއްގަރު ދާއިރާއަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ އަދާލަތު ޕާޓީގެ އިސް ތަރުޖަމާން އަލީ ޒާހިރެވެ. ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ފަރާތުން ދިއްގަރު ދާއިރާ އަށް ކުރިމަތިލާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަން ވަނީ ނިންމައިފަ އެވެ. ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި މ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ނަސީރާއި އިމްރާން އިސްމާއީލް އަދި އެންވަޔަރުމެންޓް މިނިސްޓަރުގެ ނައިބު މުހައްމަދު ހާނިމެވެ. ދިއްގަރު ދާއިރާގެ ޕްރައިމަރީ ބާއްވަން ހަމަ ޖެހިފައިވަނީ ޖޫން މަހުގެ ހަ ވަނަ ދުވަހެވެ. ދިއްގަރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު އަހްމަދު ނާޒިމުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމް ކުރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ