އޮހަޔޯ (6 މޭ) – އެމެރިކާގެ އޮހަޔޯގައި ބޭއްވި އެއްވުމަކާއެކު، އެމެރިކާގެ ރައީސް ބަރަކް އޮބާމާ 2012 ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިން ފައްޓަވައިފިއެވެ.
އޮބާމާއަށް ތާއީދުކުރަށްވާ އެތައް ހާސް ބައެއްގެ ކުރިމަތީގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮބާމާ ވިދާޅުވީ އިގުތިސާދީ ހާއްސަ ހާލަތަކުން ސަލާމަތްވުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ދެވަނަ ދައުރަކަށް އެމެރިކާގެ ރައީސްގެ މަގާމަށް އިންތިހާބުކުރަށްވައިފިނަމަ، އެމެރިކާގެ އިގުތިސާދު ހަރުދަނާކޮށް ވަރުގަދަކުރުމަށް މަސައްކަތް ކުރަށްވާނެ ކަމަށް އޮބާމާ ވިދާޅުވިއެވެ.
އޮބާމާގެ ވާހަކަފުޅުގައި ރިޕަބްލިކަނުންގެ ރިޔާސީ ކެންޑިޑޭޓް ރޮމްނީއަށް ފާޑުވިދާޅުވި ނަމަވެސް، އޮބާމާ ވަނީ ނޮވެމްބަރުގައި ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށް އެއްބަސްވެލައްވާފައެވެ.
އަދި އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުން އޮބާމާ، ވެރިކަމަށް ވަޑައިގެންނެވިއިރު، ވައުދުވެވަޑައިގެންނެވި ބަދަލުތައް އަންނަމުންދާ ލެއް ލަސްކަމުން ހިތްހަމަނުޖެހިފައިވާކަން ފާހަގަކުރަށްވަމުން އޮބާމާ ވިދާޅުވީ އެމެރިކާގެ އިގުތިސާދީ ހާއްސަ ހާލަތަކީ އޮބާމާއަށް ވާރުތަވި މައްސަލައެއް ކަމަށާއި، އެކަންކަން ހައްލުކުރުމުގެ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށެވެ.
އޮހަޔޯގައި ބޭއްވި އެއްވުމުގެ ބައިވެރިން ވަނީ "އަދި ހަތަރު އަހަރު" އޮބާމާއަށް ދިނުމަށް ޝުއޫރު ފާޅުކޮށް ހަދާފައެވެ.
މިއަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ބާއްވަން އެމެރިކާއިން ތައްޔާރުވަމުންދާ އިންތިހާބަކީ ވަރަށް ވާދަވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
2012 ގެ ރިޔާސީ ކެމްޕެއިން ރައީސް އޮބާމާ ފައްޓަވައފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ