އިސްރާއީލުން ޣައްޒާއަށް މިސައިލް ހަމަލާތަކެއް ދީފި

އިސްރާއީލުން އިއްޔެ ޣައްޒާއަށް މިސައިލް ހަމަލާތަކެއް ދީފިއެވެ. އިސްރާއީލް އަސްކަރިއްޔާއިން ބުނީ ޣައްޒާއަށް ހަމަލާ ދިނީ އިއްޔެ އިސްރާއީލަށް އަމާޒުކޮށް ޣައްޒާއިން ފޮނުވާލި ހަމަލާއަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ. އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާ ދިނީ ހަމާސް ޖަމާއަތުންނެވެ. އެހެންކަމުން އެގައުމުން ދިން ހަމަލާތައް އަމާޒުކުރީ ހަމާސްގެ ހަތިޔާރު އުފައްދާ ކާރުހާނާއަކަށް ކަމަށް އިސްރާއީލް އަސްކަރިއްޔާއިން ބުންޏެވެ. އެ ހަމަލާތައް ހުއްޓުވުމަށް ޓަކައި ހަމާސްއިން އިސްރާއީލްގެ ޖެޓުތަކަށް އަމާޒުކޮށް މިސައިލްތައް ފޮނުވި ކަމަށް އެ ޖަމާއަތުން ބުންޏެވެ. ހަމާސްއިން ބުނީ އިސްރާއީލުން ދިން ހަމަލާގެ މަގުސަދަކީ "އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފުމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތާއި، ގުދުސާއި އަލް އަގްސާ މިސްކިތް ދިފާއު ކުރުމަށް ކުރާ މަސައްކަތް ހުއްޓުވުން" ކަމަށެވެ. އެ ހަމަލާތަކުގައި މީހަކަށް އަނިޔާވެފައިވާ ކަަމަށް ފަލަސްތީންގެ ހެލްތު މިނިސްޓްރީން ރިޕޯޓުކޮށްފައިނުވެއެވެ. އިސްރާއީލުން އެ ހަމަލާތައް ދީފައި ވަނީ، މިދިޔަ ހުކުރު ދުވަހު އިސްރާއީލް ސިފައިން އަގްސާ މިސްކިތަށް ވަދެ، ހަމަލާދިން ފަހުންނެވެ. ހުކުރު ދުވަހުގެ ފަތިސް ނަމާދަށް ފަހު ފަލަސްތީނުގެ އެތައް ހާސް މީހުން މިސްކިތުގައި ތިއްބާ އިސްރާއީލު ސިފައިން މިސްކިތަށް ވަދެ ރަބަރު އުންޑަ އާއި ކަރުނަ ގޭސް ޖެހިއެވެ. އެ ހަމަލާތަކުގައި 152 މީހަކަށް އަނިޔާވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ