ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރަން ހުޅުވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑިއަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ދިއްގަރު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި މިއަދު ޕީޕީއެމުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ ޕީޕީއެމުން ކެންޑިޑޭޓެއް އައްޔަން ކުރުމުގައި ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ދެމިހުރި މުއްދަތަށް ބެލެވޭނެ ކަމަށެވެ. އަދި ޕާޓީގެ ފިކުރު ހިފެހެއްޓިފައިވުން އަދި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓަށް ކެމްޕޭންކޮށްދިން މީހަކަށް ވުމުގެ އިތުރުން ޕާޓީއަށް ހިދުމަތް ކޮށްފައިވާ މީހެއްތޯ ބެލެވޭނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ. ދިއްގަރު ދާއިރާގެ ޕީޕީއެމް ޕްރައިމެރީގައި ވާދަކުރައްވާ ބޭފުޅުން ޕީޕީއެމުން ހުށަހަޅާފައިވާ ޝަރުތުތައް ފުރިހަމަވެ 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބެންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ. ޝަރުތުތައް ފުރިހަމަވެ 75 ޕަސެންޓަށްވުރެ މައިތިން މާކްސް ލިބިފައި ވަނީ އެންމެ މެންބަރަކަށްނަމަ ޕްރައިމެރީގެ ޓިކެޓް އެ މެންބަރަކަށް ލިބޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ. އަދި 75 ޕަސެންޓަށްވުރެ ގިނަ މައުލޫމާތު އެއް މެންބަރަކަށްވުރެ ގިނަ މެންބަރުންނަށް ލިބިއްޖެ ނަމަ ޓިކެޓްދޭނެ މީހެއް ކަނޑައަޅާނީ، ޕާޓީގެ މެދުގައި ބާއްވާ ޕްރައިމަރީއަކުން ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. މިހަފްތާގެ ބުރާސްފަތި ދުވަހުގެ 4:00 ގެ ކުރިން ޕާޓީ ޓިކެޓްގައި ބައި އިލެކްޝަނުގައި ވާދަކުރުމަށް އެދި ހުށަހަޅާ ފޯމާއި، ސީވީ އާ އެކު ޕީޕީއެމް އޮފީހަށް ހުށަހެޅުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައި ވަނީ ދިއްގަރުދާއިރާގެ މެންބަރުކަން މީގެ ކުރިން ކުރައްވަމުން ގެންދެވި ޕީޕީއެމްގެ މެންބަރު އަހުމަދު ނާޒިމް ސަރުކާރުގެ ފައިސާއަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތު 25 އަހަރަށް ޖަލަށް ލާން ހުކުމް ކުރުމުން މެންބަރު ކަމުގެ ގޮނޑި ގެއްލުމާއި ގުޅިގެންނެވެ. ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ