ހުޅުދެލީގެ ރައްޔިތުން އެދެނީ، ރަށުގެ ބިން ބޮޑު ކޮށްދޭން

ދ.ހުޅުދެލީގެ ތަރައްގީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުއާ ހިއްސާ ކުރައްވައިފިއެވެ.
އިއްޔެ ރައީސް މުއިއްޒު ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރޭ ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ރައްޔިތުންނަށް އެންމެ ބޭނުންވާނެކަމަށް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބިން ބޮޑުކުރުމާއި، އައިސް ޕްލާންޓެއް ޤާއިމުކުރުމާއި، ކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ.
އަދި ކައުންސިލް އިދާރާއަށް އާ އިމާރާތެއް ބޭނުންވާކަމަށާއި، ދ. މާދެލީގައި މަސް ފެކްޓްރީއެއް ގާއިމުކުރުމަށް ބޭނުންވާކަމަށާއި، މަގުތައް ރަނގަޅު ފެންވަރެއްގައި ހަދައިދިނުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. ހަމަ އެއާއެކު، ރަށުން އޭ.ޓީ.އެމްގެ ހިދުމަތް ލިބުމަށް އެދޭކަމަށާއި، ރަށް ކައިރި ކަނދުފައްޗެއް އަޅައިދިނުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުންވެސް ކައުންސިލުންވަނީ ރަށުގެ އެކި އިދާރާތަކަށް ބޭނުންވާ ކަންކަން ވަކިވަކީން ތަފުސީލުކޮށް ރައީސް އާއި ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ރަނގަޅަށް ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ސަރުކާރުގެ ވުޒާރާތަކުގެ އިސްވެރިން، މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ