ލެޓިން އެމެރިކާގައި ރާއްޖެ އިޝްތިހާރުކޮށްފި

ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް ހަރަކާތްކަމަށްވާ ޑަބްލިއުޓީއެމް ލެޓިން އެމެރިކާ، (ޑަބްލިއުޓީއެމް ލަޓަމް) ގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ. މި ފެއަރ ބާއްވާފައިވަނީ މިމަހުގެ 15 އިން 17 އަށް ބްރެޒިލްގައެވެ.
ޑަބްލިއުޓީއެމް ލަޓަމް އަކީ، ލެޓިން އެމެރިކާގެ އެންމެ ބޮޑު ބީޓުބީ ޓްރެވަލް އެންޑް ޓޫރިޒަމް އިވެންޓްތަކުގެ ތެރެއިން، ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ތަޖުރިބާކާރުންނާއި ޕްރޮފެޝަނަލުން ގުޅުވައިދޭ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ ސަބަބުން، މި ސަރަޙައްދުގެ ޤާބިލު އަދި ގުޅުންހުރި ފަރާތްތަކާއި، އިންފްލުއެންސަރުންނާއި، މާކެޓް ޕްރޮފެޝަނަލުންނާ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުޞަތުތަކުގައި ބައިވެރިވުމަށް މުހިންމު ޕްލެޓްފޯމެއް ފަހިވެގެންދާނެ ކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
މިހަރަކާތުގައި އެމްއެމްޕީއާރުސީން ބައިވެރިވުމުގެ ބޭނުމަކީ އެމްއެމްޕީއާރުސީން ގެންގުޅޭ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތީން، ޗުއްޓީ ހޭދަކުރުމަށް އެންމެ ރަނގަޅު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކޮށް ލެޓިން އެމެރިކާ ސަރަހައްދުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމެވެ. އަދި މިކަމުގެ ސަބަބުން މާކެޓުގެ ޓޮޕް ޓުއާ އޮޕަރޭޓަރުންނާ ގުޅުން ބަދަހިކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.
މުޅި ފެއާގައި އެމްއެމްޕީއާރުސީގެ އަމާޒަކީ، ރާއްޖޭގެ މަންޒިލްތަކާއި، ފަތުރުވެރިކަމުގެ އުފެއްދުންތަކުގެ އެންމެ ފަހުގެ މައުލޫމާތު އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކާ ހިއްސާކުރުމެވެ. މީގެ އިތުރުން މި ފެއަރ ވެގެންދިޔައީ އިންޑަސްޓްރީގެ ޕާޓްނަރުންނަށް މާކެޓާ ގުޅި، އެފަރާތްތަކުގެ އަމިއްލަ އުފެއްދުންތަކާއި، ޚިދުމަތްތަކާއި، ތަޖުރިބާތައް، ދައްކާލުމަށް ވަރަށް އަގުހުރި ތަނަކަށްކަން އެމްއެމްޕއާރްސީވަނީ ފާހަގަކޮށްފައެވެ.
މިފެއާގެ ދިވެހިރާއްޖޭގެ ސްޓޭންޑްގައި ރާއްޖޭގެ ވީޑިއޯތައް ދައްކާލައި، ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖެ އަމިއްލައަށް ތަޖުރިބާ ކުރެވޭނެ ފުރުސަތުތައް ލިބިގެންދިޔައެވެ. އަދި ފެއާގައި ބައިވެރިވި އެކްޒިބިޓަރުންނަށް ސްޕީޑް ނެޓްވޯކިން ސެޝަނެއް ބާއްވައި، މީޑިއާގެ މަންދޫބުންނާ ގުޅުމުގެ ފުރުސަތުވެސް ލިބިގެންދިޔައެވެ.
ލެޓިން އެމެރިކާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ވަނީ އިތުރުވެފައެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް މި ސަރަޙައްދުން 2،762 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ