ދެ ދުވަސް ތެރޭ އަގްސާ ހޮސްޕިޓަލުން ތެޔޮ ހުސްވެެދާނެ ކަމުގެ އިންޒާރު ދީފި

ފަލަސްތީނުގެ ޣައްޒާގައި ހުންނަ އަލްއަގްސާ ހޮސްޕިޓަލަށް ބޭނުންވާ މުހިންމު ވަސީލަތްތައް ދެ ދުވަސް ތެރޭގައި ހުސްވެދާނެކަމުގެ އިންޒާރު ދީފިއެވެ.
މި އިންޒާރު ދީފައިވާއިރު، އެ ހޮސްޕިޓަލަށް ވަގުތުން ތެޔޮ ފޯރުކޮށްދިނުމަށް ޣައްޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ވެސް މިހާރު ވަނީ ގޮވާލާފައެވެ.
"އަލްއަގްސާ ހޮސްޕިޓަލަށް ތެޔޮ ފޯރުކޮށްދިނުން ލަސްވުމުގެ ކުރިން އެ ހޮސްޕިޓަލަށް ވަގުތުން ތެޔޮ ފޯރުކޮށްދިނުމަށް އދ.ގެ ހުރިހާ ޖަމިއްޔާތަކަށާއި ބައިނަލްއަގްވާމީ މުއައްސަސާތަކަށް ގޮވާލަމް، އަދި އިންސާނީ ކާރިސާއެއްގައި އެތައް ހާސް ބަޔަކު ދުނިޔެ ދޫކުރުމުގެ ކުރިން ހުރިހާ ހޮސްޕިޓަލަކަށް ތެޔޮ ސަޕްލައިކޮށް އަލުން ހިދުމަތްތައް އިއާދަކުރުމަށް އަވަސް އަދި އަވަސް އިންޓަވެންޝަނަކަށް ގޮވާލަން،". ބަޔާނުގައި ބުނެފައި ވެއެވެ.
އޭގެ އިތުރުން އެ ބަޔާނުގައި ވަނީ އިސްރާއީލާއި އެމެރިކާ އަދި ކަމާގުޅުންހުރި އެންމެހާ އިދާރާތައް "ކާރިސާއެއް ނުވަތަ ހަގީގީ ކާރިސާއެއް" ދިމާވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ އުފުލަން ޖެހޭ ކަމަށް ބުނެފައެވެ. އެގޮތުން ބަލި މީހުންނާއި ކުޑަކުދިން، ހާއްސަކޮށް އައިސީޔޫ އާއި ނާސަރީ ޑިޕާޓްމަންޓްތަކުގައި ނިދާފައި ތިބޭ ބަލިމީހުންނާއި ޒަހަމްވި މީހުން ޝަހީދުވެދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އިސްރާއީލުން ރަފަހް ބޯޑަރު ހުރަސްކުރާ ސަރަހައްދު ހިފައި ދެކުނުގެ ސިޓީއާ ދިމާލަށް ސިފައިން ގެންދިއުމުން މެއި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އެހީ ލިބުމުން މުޅިން ވަނީ މެދުކެނޑިފައެވެ.
އަދި މިހާރު ޣައްޒާގައި ތެލާއި ފެނުގެ ސަޕްލައި ހުއްޓިފައިވާއިރު، އެހީގެ ހިދުމަތްތައް ދުވަސްކޮޅެއްގެ ތެރޭގައި މުޅިން ހުއްޓާލަން މަޖުބޫރުވެ، ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގައި އިތުރު މާޔޫސްކަމެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އދގެ އޮފިޝަލުން ދީފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ