ރިޒާވް ހިފެހެއްޓިފަ | ހުރީ ދެ މަހުގެ އިމްޕޯޓް ފައިސާ

ރާއްޖޭގެ ޖުމްލަ ރިޒާވްގައި 542 މިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި ޔޫޒަބަލް ރިޒާވްގައި ހުރިކަމަށް ދައްކަނީ 161 މިލިއަން ޑޮލަރެވެ.
ރާއްޖޭގެ ޖުމްލަ ރިޒާވް ބައި ބިލިއަން ޑޮލަރަށްވުރެ މަތީގައި ހުރިއިރު ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވްގައި ހުރީ ގާތްގަނޑަކަށް 160 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ) ކަމަށް ދައްކައިިފި އެވެ. 
މަރުކަޒީ ބޭންކުން އެންމެފަހުން ނެރުނު މައުލޫމާތުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ރިޒާވްގައި މާޗް މަހުގެ ނިޔަލަށް ހުރީ 542 މިލިއަން ޑޮލަރެވެ. ނަމަވެސް ޔޫޒަބަލް ރިޒާވްގައި ހުރި އަދަދެއްގެ 2022 ވަނަ އަހަރުން ފެށިގެން އެމްއެމްއޭ އިން އާއްމު ކުރުން ހުއްޓާލާފައިވުމުން އެ އަދަދު ސީދާ ހާމައެއް ނުކުރެ އެވެ. ނަމަވެސް އެވްރެޖުކޮށް ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި އިމްޕޯޓަށް ބޭނުންވާ ވަރަށް ފައިސާ ހުރެ އެވެ. 
ޔޫޒަބަލް ރިޒާވްގައި ހުރި އަދަދު ދައްކާ ގޮތުގައި ރާއްޖޭގައި މި ވަގުތު ކުރު މުއްދަތުގެ ލޯނުގެ ގޮތުގައި ހުރީ 381 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ހަ ބިލިއަން ރުފިޔާ) ގެ މިންވަރުގެ ދަރަންޏެވެ. މި އަދަދު ޖުމްލަ ރިޒާވްގައި ހުރި 542 މިލިއަން ޑޮލަރުން އުނި ކުރުމުން ހުރިކަމަށް ދައްކަނީ 161 މިލިއަން ޑޮލަރެވެ. މި އަދަދަކީ ޔޫޒަބަލް ރިޒާވްގައި ހުރި ފައިސާގެ މިންވަރެވެ. މި އަދަދުން ބަލާއިރު ރާއްޖެއަށް މިހާރު އެވްރެޖުކޮށް މަހެއްގެ މައްޗަށް 66 މިލިއަން ޑޮލަރު އިމްޕޯޓަށް ހަރަދު ކުރަމުން ގެންދެ އެވެ. މި އަދަދުން ބަލާނަމަ ރާއްޖޭގެ ރިޒާވްގައި މިހާޜު ހުންނާނީ ގާތްގަނޑަކަށް ދެ މަހުގެ އިމްޕޯޓުގެ ފައިސާ އެވެ. ދެމަހުގެ އިމްޕޯޓް ފައިސާއަކީ ޔޫޒަބަލް ރިޒާވް އަށް އެކަށީގެންވާ އަދަދެއް ނޫނެވެ. ޔޫޒަބަލް ރިޒާވްގައި އާއްމުކޮށް ތިން މަހާއި ހަ މަހުގެ އިމްޕޯޓް ފައިސާ ހުރުންނަނަމަ އެއީ އެންމެ އެކަށީގެންވާ އަދަދުގެ ގޮތުގައި ބެލެވެ އެވެ. 
ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ދެ މަހުގެ އިމްޕޯޓް ފައިސާ ހުރިއިރު މިދިޔަ އަހަރަކީ ރާއްޖޭގެ ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ އަހަރެވެ. ސަރުކާރުގެ އިސްރާފު ބޮޑުވެ އިގްތިސޯދި ހާލަތު މެނޭޖު ކުރަން ކުރަމުން ދިޔަ މަސައްކަތުގެ ތެރޭގައި ރާއްޖޭގެ ޔޫޒަބަލް ރިޒާވް 126 މިލިއަން ޑޮލަރަށް ވެއްޓިގެން ދިޔަ އެވެ. 
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ޖުމްލަ ރިޒާވްގައި ހުރީ 551 މިލިއަން ޑޮލަރެވެ. ވެރިކަމަށް ހަވާލުވިއިރު ގިނަ އަދަދެއްގެ ބިލްތަކަކަށް ފައިސާ ނުދައްކައި ހުއްޓެވެ. އަދި ވެރިކަމަށް ހަވާލުވި މަހު އިންޑިއާ އަށް ދައްކަން ޖެހޭ ބޮޑު ދަރަންޏެއް ދައްކާފައިވެ އެވެ. އިންޑިއާ ބޭންކް / ސްޓޭޓް ބޭންކް އޮފް އިންޑިޔާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކާފައިވާ 50 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 3.2 ބިލިއަން ރުފިޔާ) ގެ ޓްރެޒަރީ ބޮންޑެއްގެ ފައިސާ އަނބުރާ ދައްކައިފި އެވެ. ރާއްޖޭން ދެއްކި 50 މިލިއަން ޑޮލަރުގެ ބޮންޑަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ލިސްޓުކުރި ޑޮލަރުގެ ބޮންޑެއްގެ ފައިސާ އެވެ. މި ބޮންޑް އިޝޫކޮށްފައި ވަނީ 4.5 ޕަސެންޓުގަ އެވެ. މި ބޮންޑުގެ ފައިސާ ދައްކަން ޖެހޭ ސުންގަޑި އޮތީ އިއްޔެ ނިޔަލަށެވެ. އިންޑިއާއަށް ބޭނުންނަމަ މި ފައިސާ ރޯލްއޯވާ ނުވަތަ ދައްކާ މުއްދަތު ފަސް ކޮށްދެވޭނެ އެވެ. މި ބޮންޑުގެ މެޗޫރިޓީއަކީ 360 ދުވަހެވެ. 
މިދިޔަ އަހަރުގެ ނިޔަލަށް ބަލާއިރު ރާއްޖޭގެ ޖުމްލަ ދަރަނި ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީއިން ބަލާނަމަ 115 ޕަސެންޓެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޭރުގެ ދަރަނި ވަނީ 51 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި އެތެރޭގެ ދަރަނި ހުރީ 73 ބިލިއަން ރުފިޔާގަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ