ސަތޭކައަކުން ސަތޭކަ، އެއްބުރުން ދިވެހި ރައްޔިތުން ހޮވާނީ އަޅުގަނޑު: ގާސިމް

ސެޕްޓެމްބަރު ނުވަވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބުގެ ރޭހަށް ނުކުމެވަަޑައިގެންނެވީ އެއްބުރުން ދިވެހި ރައްޔިތުން އޭނާ ހޮވާނެކަމަށް ގަބޫލުކޮށްގެންކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ލީޑަރު ޤާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނަށް އޭނާގެ ކެންޑިޑެންސީ ފޯމު ހުށަހެޅުއްވުމަށްފަހު ގާސިމް ވިދާޅުވީ، ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވީ ރައްޔިތުންނަށް ލޯތްބާއެކު އިހްލާސްތެރި މަސައްކަތްތަކެއް ކޮށްދެއްވުމަށް ކަމަށާއި އޭނާގެ އަމިއްލަ ފައިދާއަކަށް ނޫން ކަމަށެވެ. "އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާކަމަށް ދިވެހި ރައްޔިތުން ހޮއްވަވައިފިނަމަ، މިއަދު އަޅުގަނޑުގެ ކުންފުނިތަކުގައި ހުރި އަޅުގަނޑުގެ އަމިއްލަ އެއްޗަކަށްވުރެ އިތުރު އެއްޗެއް ބޭނުމެއް ނޫން،", "ދިވެހި ގައުމުން އަޅުގަނޑު އެއްވެސް އެއްޗެއް އިތުރަަކަށް ބޭނުމެއް ނުވޭ،" ގާސިމް ވިދާޅުވިއެވެ. އޭނާ ވެރިކަމަށް ވަޑައިގެންފިނަމަ ވިލާގެ ކުންފުނިތައް ބޮޑުކުރަން މަސައްކަތްކުރާނެކަމަށް ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި އެކަހަލަ އެއްވެސް ކަމެއް ނުކުރާނެކަމަށް ވައުދުވާކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ރައީސްކަމަށް ހޮވިވަޑައިގެންފިނަމަ ވަޒީފާ ދޭނީ ކިޔަވައިގެން ތިބި، ފަސްބައި ސާފު ކޮރަޕްޝަން ނެތްކަމަށް ގަބޫލުކުރެވޭ މީހުންނަށް ކަމަަށް ވެސް ގާސިމް ވިދާޅުވިއެވެ. ކޮމަން ކެނޑިޑޭޓެއް ނެރުމަށް އިދިކޮޅުގެ ހުރިހާ ޕާޓީއަކުން މަޝްވަރާކޮށް އެ ކަން ފެއިލްވީ، ކޮންމެ ޕާޓީއަކުން ވެސް ފުރަތަމަ ބުރުގައި ވާދަކުރަން ބޭނުންވާތީ ކަމަށް ގާސިމް ވިދާޅުވިއެވެ. "ކޮންމެ ސިޔާސީ ޕާޓީއަކުން ވެސް ބޭނުންވޭ ފުރަތަމަ ރައުންޑުގައި ޓެސްޓުކޮށްލަން ބުރު ޖަހާލަން،" ގާސިމް ވިދާޅުވިއެވެ. ޕާޓީތައް ހަދައިގެން ވެސް އުޅެނީ އެ ބޭނުމުގައި ކަމަށާއި ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން މަސައްކަތްތަކެއް ކުރުމުގެ މަގުސަދުގައި ކަމަށް ވިދާޅުވިއެވެ. ދެވަނަ ބުރަކަށް ގޮސް، ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެކު ކޯލިޝަން ހައްދަވާނަންތޯ ސުވާލުކުރުމުން ގާސިމް ވިދާޅުވީ އޭނާ ނުކުމެ އެ ހުންނެވީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކަމަށެވެ. "ކީއްވެތޯ ސުވާލު ނުކުރެއްވީ އަޅުގަނޑުމެން އެއްވަނައަށް އައިސް އަޅުގަނޑުމެން ރިޔާސީ އިންތިހާބު ކާމިޔާބު އެއްބުރުން ނުކުރާނަންތޯ،" ގާސިމް ވިދާޅުވިއެވެ. "އަޅުގަނޑު ނުކުމެ މިހުރީ އެއްބުރުން ދިވެހިރައްޔިތުން އަޅުގަނޑު ހޮވާނެކަމަށް ގަބޫލުކޮށްގެން. ހަމަ ސަތޭކައަކުން ސަތޭކަ އެއްބުރުން ދިވެހި ރައްޔިތުން ހޮވާނީ އަޅުގަނޑު،" ގާސިމް ވިދާޅުވީ، ވެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާ ދެ ފަހަރަށް އެމްޑީޕީއަށް ފުރުސަތު ދީފައިވާ ކަމަށާއި ޕީޕީއެމަށް ވެސް އެއްފަހަރު ފުރުސަތު ދީފައިވާކަމަށެވެ. އެ ހުރިހާ ފަހަރެއްގައި ކަންތައްތައް ވީ ގޮތް އެންމެންނަށް ވެސް އެނގޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، ޓެސްޓުކޮށްލަން، ދިވެހި ރައްޔިތުން މި ފަހަރު ވޯޓު ދޭންވީ ގާސިމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ގާސިމްގެ ރަނިންމޭޓެއްގެ ގޮތުގައި މި ފަހަރު ކަނޑައަޅުއްވައިފައިވަނީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ