އަތޮޅު ހޮސްޕިޓަލްތަކުގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ފަށަނީ

ރާއްޖޭގެ ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުން ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސިއްހީ ނިޒާމުގެ ތެރެއިން ނަފްސާނީ ބަލިތަކަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ރައީސުލާޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ހެލްތް މިނިސްޓަރ ނާޒިމް ވިދާޅުވީ ނަފްސާނީގޮތުން އެކި އުނދަގޫތައް ކުރިމަތިވާ މީހުން ރާއްޖޭގައި ގިނަކަމަށެވެ. ނަމަވެސް ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބެނީ ހަމައެކަނި މާލެއިންނާއި ބައެއް ރީޖަނަލް ހޮސްޕިޓަލްތަކުންކަން ފާހަގަކުރެއްވިއެވެ. އަދި އެ ހިދުމަތްތައް ރަށްރަށުން ނުލިބޭތީ ފަރުވާއަށް މާލެ އަންނަ މީހުން ގިނަކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ހުރިހާ އަތޮޅު ހޮސްޕިޓަލްތަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދެއްކަމަށާއި، އަދި އެ ހިދުމަތް އަތޮޅުތަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސެވުމުގެ މަސައްކަތް ސަރުކާރުން މިހާރު ފައްޓަވާފައިވާކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އަތޮޅުތަކުގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ހިދުމަތް ދިނުމަށް ބޭނުންވާ ސައިކޮލޮޖިސްޓުންނާއި ސައިކޭޓްރިސްޓުންނާއި ކައުންސެލަރުންނާއި ތެރަޕިސްޓުން ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށެވެ.
ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގެ ދަށުން ނަފްސާނީ ސިއްހަތުގެ ހެލްޕްލައިން ނަންބަރެއްގެ ގޮތުގައި 1677 ހަމަޖައްސައި އެ ހިދުމަތް މިހާރު ކޮންމެ ގަޑިއެއްގައިވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ގިނަ ބަޔަކު މި ހެލްޕްލައިންގެ ބޭނުންކުރާކަންވެސް ހެލްތް މިނިސްޓަރ ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ