ބަޖެޓުދީ، ފެންބޮޑުވާ މައްސަލަ ހައްލުކުރާނަން: މޭޔަރު

މާލޭގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން މާލޭ ސިޓީ ކައުންސިލަށް ބަޖެޓް ހަމަޖައްސައިދިނުމަށް، މޭޔަރު އާދަމް އާޒިމް ސަރުކާރަށް ގޮވާލައިފި އެވެ.
މިދިޔަ ހުކުރު ދުވަހު މާލެ އަށް ކުރި ގަދަ ވިއްސާރައިގައި ގިނަ ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ އާންމުންގެ މުދަލަށް ލިބިފަ އެވެ.
މާލޭގައި ފެންބޮޑުވުމުގެ މައްސަލައާ ގުޅޭގޮތުން ރާއްޖެޓީވީގައި ރޭ ވާހަކަދައްކަމުން އާޒިމް ވިދާޅުވީ ބޯކޮށް ވާރޭވެހުމުން ވީހާވެސް އަވަހަކަށް ފެންގަނޑު ހިނދިގެން ދާނެ ނިޒާމެއް މާލޭގެ އަޑީގައި އޮންނަންޖެހޭ ކަމަށާއި އެކިއެކި ދައުރުތަކުގައި ފެނުގެ ނިޒާމު ރަނގަޅު ކުރުމުގެ ނަމުގައި މިލިއަނުން ފައިސާ ހަރަދުކުރި ނަމަވެސް މިކަން ކުރުމުގައި އެތައް އަހަރެއް ވަންދެން އުޅުނު ބޭފުޅުންގެ ފަރާތުން ޝައުގުވެރިކަން ހުރިތަން ފެނިގެން ނުދާ ކަމަށެވެ.
އޭގެ ބަދަލުގައި ފެންނަނީ ދެއްކުމަށް ކަންކަންކުރާ މަންޒަރު ކަމަށާއި ރައްޔިތުން ބޭނުން ވަނީ މިފަދަ ކަންކަމަށް ދާއިމީ ހައްލެއް ކަމަށް އާޒިމް ވިދާޅުވި އެވެ.
"ސަރުކާރުގައި މިހާރުވެސް މި އެދެނީ އަޅުގަނޑުމެންނަށް އެ ބަޖެޓް ދެއްވާށޭ، އަޅުގަނޑުމެން އެކަން ހައްލުކޮށްދޭނަމޭ. އަޅުގަނޑު ކުރާ ކަމެއް ކުރާނީ އެތައް ޒަމާނެއްގައި އަންނަ ޖީލުތަކަކަށް އެ ކަންތައްތަކުގެ ނަފާވާ ގޮތަށް،" އާޒިމް ވިދާޅުވި އެވެ.
"ތިން ހަތަރު ފަހަރަށް މާލޭގައި ސްޓޯމް ވޯޓާ އަޅާ ގޮތަކަށް ނޫން އަޅުގަނޑުމެން ކުރާނީ،"
އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލަކީ މަދު ފައިސާ އަދި ވަސީލަތްކަކާއެކު ހިންގަމުންދާ ތަނެއް ކަމަށާއި ނަމަވެސް ކައުންސިލުން މިހާރު ކުރަމުންދާ މަސައްކަތްތަކުން ވެސް ބޮޑެތި ފަސޭހަތަކެއް މާލޭގެ ރައްޔިތުންނަށް ވެގެންދާނެ ކަމަށެވެ. ނަމަވެސް ދާއިމީ ހައްލެއް ލިބޭނީ އިތުރަށް ފައިސާ ހަމަޖެއްސުމުން ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނާއި މަސައްކަތް ހަވާލުކޮށްފިއްޔާ ހަމަ ޔަގީނުން ވެސް ހައްލުކުރާނަން. މިހާރު އަޅުގަނޑުމެން ބުނެފައި އޮތް ގޮތަށް އެކަން ކުރިޔަސް އެކަން ހައްލުވާނެ،" އާޒިމް ވިދާޅުވި އެވެ.
މީގެއިތުރުން އާޒިމް ވަނީ ސަރުކާރާ އެކީ މަސައްކަތް ކުރުމަށް މަސައްކަތް ކުރާ ކަމަށާއި ނަމަވެސް އެކަމުގައި މިއަދު ދަތިތަކެއް ހުރި ކަމަށްވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ