ޒަމީރުގެ ސުވާލެއް: ކުންފުނިތަކަށް ސަރުކާރުން ފައިސާ ދޭން ޖެހޭތޯ؟

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އާމްދަނީ ލިބޭ ތަންތަނަށްވާތީ ކުންފުނިތަކުގެ މުވައްޒަފުންނަށް ސަރުކާރުން މުސާރަ ދޭން ހޭދަކުރަންޖެހެނީ ކީއްވެތޯ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ސުވާލު އުފައްދަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އާމްދަނީ ލިބޭ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދޭން ސަރުކާރުން ފައިސާ ފޯރުކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެ ގޮތުން ފެނަކައިން އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށާއި ފިނޭންސް މިނިސްޓްރީން ފޮނުވަންޖެހޭ ފައިސާ ފޮނުވާފައިނުވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީން މާލިއްޔަތުން ފެނަކައަށް ފޮނުވަންޖެހޭ ފައިސާ ޓްރާންސްފާކޮށްފައިވާ ކަމަށެވެ.
"ފެނަކައަކީ އާމްދަނީ ލިބޭ ކުންފުންޏެއް. އެހެންވީމަ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑާއި މެނޭޖިން ޑިރެކްޓަރުންވެސް ނަންގަވާ ބައެއް ޒިންމާތަކެއް އެބަހުރޭ،" މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ކުންފުނި ހަދައިގެން ހިންގުމުގެ ބަދަލުގައި ސަރުކާރުގެ ޑިޕާޓްމަންޓަކަށް ބަދަލުކޮށްލުމުން ސިވިލް ސާވިސްގައި ދޭ ގޮތަށް މުސާރަ ދެވޭނެ ކަމަށެވެ.
"ކުންފުންޏެއް ހަދައިގެން އެތަނަށް ލިބޭ އާމްދަނީ އެތާނގެ އެކައުންޓަށް ޖަމާކުރާއިރުގައި ކޮންމެ ފަހަރަކު ސަރުކާރުން އެ ފައިސާ ޓްރާންސްފާ ކޮށްދެނީ،" ޒަމީރު ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވެ އެންމެ އިސްކަންދެނީ މާލިއްޔަތުން ދޭންޖެހޭ މުސާރަ ދިނުމަށް ކަމަށެވެ.
"އާމްދަނީ ލިބޭ ތަންތަންވީމަ އަޅުގަނޑުމެން މިހާރު މިކުރާ ގޮތަކީ ކޮންމެވެސް ޕޯޝަނެއް މި ދެނީ،" މޫސާ ޒަމީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ