ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ބީއެމްއެލް އާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން ހާއްސަ ފައިނޭންސިން ފެސިލިޓީއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެސްއެމްއީ ޑިޖިޓަލް
ގުޅިގެން ދިވެހި ޒުވާނުންނަށް ކުދި ވިޔަފާރިތައް ފެށުމަށާއި އާ އީޖާދީ ހިޔާލުތައް
ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ބަދަލުކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން
"ޔޫތު އޮންޓްރަޕްރިނާޝިޕް ފައިނޭންސިން" މިއަދު ތައާރަފުކޮށްފި އެވެ.
މި ފެސިލިޓީ އިފްތިތާހު ކުރީ ބާސެލޯ ނަސަންދުރާގައި 'ޔޫތު ޔޫތް އޮންޓްރަޕްރަނާސް
އެކްސްޕޯ" ފެށުމަށް ބޭއްވި ހާއްސަ ޖަލްސާގަ އެވެ. މި ފެސިލިޓީ އިފްތިތާހުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިއީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް، އެއްވެސް ރަހުނެއް
ނުވަތަ އިކުއިޓީއަކާ ނުލައި ނެގޭ ގޮތަށް ހުޅުވާފައިވާ ފުރުސަތެކެވެ. ޝަރުތު ހަމަވާ
މީހަކަށް 150,000 ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭ މި ފެސިލިޓީއަކީ ވިޔަފާރިއެއް
ފަށަން ބޭނުންވާ ޒުވާނުންނަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެ މީހުންގެ
މަސައްކަތް ފެށުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ރައުސްމާލު ހޯދައިދިނުމަށް ބެންކުން ދޭ ފުރުސަތެކެވެ. 
އަހަރަކު ހަތް ޕަސެންޓުގެ ކުޑަ ޕްރޮފިޓް ރޭޓެއްގައި ދޫކުރާ މި ފެސިލިޓީގެ ދަށުން ލޯނަށް އެދޭތާ 24 ގަޑިއިރު
ތެރޭގައި ޕްރޮސެސްކޮށް ނިންމައި، އަވަހަށް ފައިސާ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ. ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ހަ މަސްދުވަހުގެ ގްރޭސް
ޕީރިއަޑެއް ލިބޭނެ އެވެ.
ފައިސާގެ އެހީގެ އިތުރުން، އެސްއެމްއީ ޑިޖިޓަލްގެ ފަރާތުން
ވިޔަފާރީގެ އަމަލީ އިރުޝާދާއި މެންޓާޝިޕް އަދި ތަމްރީނު ފޯރުކޮށްދީ، ކާމިޔާބު އަދި
ދެމެހެއްޓެނިވި ވިޔަފާރިއެއް ބިނާކުރުމުގެ ކޮންމެ މަރުހަލާއެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. 
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު
ޝަރީފް ވިދާޅުވީ ޒުވާން ވިޔަފާރިވެރިންނަށް
އެހީތެރިކަން ފޯރުކޮށްދިނުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށެވެ.
"އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ކުރިއަށް ގެންދާ މި އެއް ބިލިއަން ރުފިޔާގެ ފައިނޭންސިން ސްކީމްގެ ސަބަބުން، ޒުވާނުންގެ ހިޔާލުތައް އަމަލީ ވިޔަފާރިއަކަށް ބަދަލުކުރުމަށާއި ދިގު މުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ހުނަރާއި ގާބިލުކަން ބިނާކުރުމަށް އެހީތެރިވެދޭނެ،" ޝަރީފް ވިދާޅުވި އެވެ. 
މި ފައިނޭންސިންއަކީ
ވިޔަފާރިވެރިންނަށް އެހީތެރިވުމަށާއި މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި ރާއްޖޭގެ އާ ޖީލުގެ ވިޔަފާރިވެރިންނަށް އިގްތިސާދީ ފުރުސަތުތައް ފަހިކޮށްދިނުމަށް
ބީއެމްއެލް އިން މެދުނުކެނޑި ކުރަމުންދާ މަސައްކަތުގެ ރަމްޒެއް ކަމަށް އެ ބޭންކުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ