މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމި މައްސަލަތައް ދެ ހާހުން މައްޗަށް

މިދިޔަ އަހަރު ނިމުނުއިރު ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން 2،917 މައްސަލަ ނިންމައިފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ސިވިލް ކޯޓުން އާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން 2021 ވަނަ އަހަރު ނިމުނުއިރު އެ ކޯޓުގައި ނުނިމިހުރި 2،740 މައްސަލައެއް ހުއްޓެވެ. އޭގެ ތެރެއަށް އިތުރުވީ މިދިޔަ އަހަރު ހުށަހެޅުނު 5،050 މައްސަލައެވެ. މިދިޔަ އަހަރު ގިނަ މައްސަލަތަކެއް ނިންމިއިރު ނުނިމި ހުރީ 4،873 މައްސަލައެވެ. އާ އަހަރަށް ފެށި އިރު އެއް އަހަރުވެފައިވާ 977 މައްސަލައެއް އެ ކޯޓުގައި އަންނަނީ ހިނގަމުންނެވެ. މީގެ އިތުރުން މިދޔަ އަހަރު އެ ކޯޓުން 21،399 ކޯޓު އަމުރު ނެރެފައިވެއެވެ. ހަމައެއާއެކު 94 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ބަލައިގެންފައިވާއިރު، އަށް މިލިއަން ޑޮލަރު ބަލައިގެންފައިވެއެވެ. ނަމަވެސް އެ އަދަދުތަކުގެ ތެރެއިން ކޯޓަށް ލިބުނު އާމްދަނީގެ ގޮތުގައި ބަލައިގަނެފައި ވަނީ 189،516.81 ރުފިޔާއެވެ. ސިވިލް ކޯޓުން ބުނި ގޮތުގައި މިދިޔަ އަހަރަކީ އެ ކޯޓުގެ މަސައްކަތްތަކަށް ގިނަ ބަދަލުތަކެއް އައި އަހަރެކެވެ. އެއާއެކު މި އަހަރުގެ އަމާޒަކީ މަސައްކަތްތައް އަވަސް މިނެއްގައި ނިންމުންކަމަށާއި ކޯޓު އިތުރަށް ހަރުދަނާކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުންކަމަށް އެ ކޯޓުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ