ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ދިހަ ބޭފުޅަކު ކުރިމަތިލައިފި
ހުސްވެފައިވާ ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ ދެ މަގާމަށް ދިހަ ބޭފުޅަކު ޝައުގުވެރިކަން ފާޅުކޮށް، ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފިއެވެ. ކްރިމިނަލް ކޯޓަށް ދެ ގާޒީން ހޯދުމަށް އިއުލާނު ކޮށްފައިމިވަނީ އެ ކޯޓުގެ ގާޒީގެ މަގާމުގައި ކުރިން ހުރި ދީބަނާޒް ފަހުމީ ހައިކޯޓަށް ބަދަލުވުމާ ގުޅިގެންނެވެ. ދިހަ ސެކްޝަން ހިމެނޭ ކްރިމިނަލް ކޯޓުގައި މި ވަގުތު ތިއްބެވީ ނުވަ ގާޒީންނެވެ. އެ މަގާމަށް ކުރިމަތިލައްވާފައިވަނީ: 1. މުޙައްމަދު އިޙްސާން / ނޫރުވާދީ, ކ.ތުލުސްދޫ 2. މުޙައްމަދު ސަމީރު / ހިތްވަރު, ރ.އިނގުރައިދޫ 3. އަޙްމަދު ރިފްޝާން / ކަޝްމީރުގެ, ސ. ފޭދޫ 4. އިބްރާހީމް އިޙްސާން / އެށެވެލި, ސ.މަރަދޫ 5. އުއްމުކުލްޘޫމް އަބޫބަކުރު / ރަނައުރާގެ, ބ. ހިތާދޫ 6. ރަފީއުއްދީން އަހްމަދު / ސްނޯޑްރޮޕް, ސ. ހިތަދޫ 7. އަޙްމަދު އާދަމް / އެތުމާގެ, ގއ.ގެމަނަފުށި 8. ޙުސައިން ސާލިމް / އާރު, ހއ.މާރަންދޫ 9. ސިޔާމާ މުޙައްމަދު / މާލެ ދަފްތަރު ރސ 13194 10. އިބްރާހީމް ޛިހުނީ / ބިއްލޫރިޖެހިގެ, ގއ.ނިލަންދޫ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އަސާސީ މުސާރައަކީ 30،000 ރުފިޔާއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާއާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300 ރުފިޔާ ލިބެއެވެ. އެ ކޯޓުގެ ގާޒީންނަށް ޖުމުލަ 48,300 ރުފިޔާ މުސާރައިގެ ގޮތުގައި ލިބޭނެއެވެ. އަދި، މެޑިކަލް އިންޝުއަރެންސް އާއި ފޯނު އެލަވަންސް ވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ރައްޔިތުންގެ މަޖިލީހުން ކަނޑަޅާފައިވާ ގޮތުގެ މަތިން ލިބެއެވެ. ކްރިމިނަލް ކޯޓުގެ ގާޒީންގެ މަގާމަށް ކުރިމަތިލެއްވޭނީ އުމުރުން 25 އަހަރު ފުރި އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާއިން ޑިގްރީ ހާސިލްކޮށްފައިވާ މީހުނަށެވެ. އަދި ގާޒީއެއްގެ ގޮތުގައި ނުވަތަ ގާނޫނީ ވަކީލެއްގެ ގޮތުގައި މަދުވެގެން ދެ އަހަރު ދުވަހު މަސައްކަތް ކޮށްފައިވާން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ