ޓްރަމްޕް ބޭނުންވަނީ ހަނގުރާމައިގެ ޚަރަދު އަރަބި ގައުމުތަކުން ހޯދަން: ވައިޓްހައުސް

އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައަށް ހިނގާ އެތައް ބިލިއަން ޑޮލަރެއްގެ ޚަރަދު، އަރަބި ގައުމުތަކުގެ އަތުން ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޝައުގުވެރިކަން ފާޅުކުރާ ކަމަށް ވައިޓް ހައުސްއިން ބުނެފިއެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެމެރިކާގައި ތެޔޮ ގެލަނެއްގެ އަގު މިހާރު ހުރީ 3.99 ޑޮލަރުގައެވެ. މިއީ ހަނގުރާމަ ފެށުމުގެ ކުރިއަށްވުރެ 1 ޑޮލަރު ބޮޑު އަދަދެކެވެ.
މިހާރު ހިނގަމުންދާ އީރާން-އެމެރިކާ ހަނގުރާމައަކީ މެދުއިރުމަތީގައި ދިގުލައިގެން ގޮސްފައިވާ ސިޔާސީ އަދި އަސްކަރީ ނުތަނަވަސްކަމުގެ ތެރެއިން އުފެދުނު ވަރަށް ނުރައްކާތެރި ކުރިމަތިލުމެކެވެ. ކުރީގެ ސަރުކާރުތަކުން އީރާނާއެކު ޑިޕްލޮމެޓިކް މަޝްވަރާތައް ކުރަމުން ދިޔަ ނަމަވެސް، ޓްރަމްޕްގެ ސަރުކާރުން އިސްރާއީލާ ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ދަނިކޮށް އެއްވެސް އިންޒާރެއް ނެތިއެވެ.
މީގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ވިޔަފާރީގެ މުހިންމު މަގަކަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށް، ސަރަހައްދުގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އިގްތިސާދީ ތަންތަނަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ