ޓަމިލް ނާޑޫއިން ފުރި ރާއްޖެ ދަތުރު ކުރާ ބޯޓެއް ދިޔަވެގެން އެހީތެރިކަން ފޯރުކޮށްދީފި

އިންޑިއާގެ ޓަމިން ނާޑޫއިން ފުރައިގެން ރާއްޖެ އަންނަ މަސައްކަތް ކުރި މުދާ އުފުލާ ބޯޓެއް ދިޔަވެގެން އިންޑިއާގެ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި އެވެ. 
ދިޔަވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރާ "އެމްވީ ސިއްތާ" އެވެ. އެއީ ކޮމޯރޯސްގެ ދިދައިގެ ދަށުގައި އޮޕަރޭޓު ކުރާ 57 މީޓަރުގެ ބޯޓެކެވެ. އެ ހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު ކަމަށް އިންޑިއާގެ ކޯސްޓްގާޑުން ބުންޏެވެ. 
ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި އެ ބޯޓު ދިޔަވާން ފެށި ހަލްގެ ދެތިން ތަނަކުން ފެން ވަންނަން ފެށުމުންނެވެ. އެ ހިސާބުން ބޯޓުން ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދުނެވެ.
އެ ހާދިސާގެ ވީޑިއޯ އިންޑިއާގެ ކޯސްޓްގާޑުން ވަނީ އާންމުކޮށްފަ އެވެ. އެއިން ފެންނަ ގޮތުގައި ބޯޓުގެ ހަލްގައި ގާތްގަނޑަކަށް އިންޗިއެއް ވަރުގެ ދެ ލޯވަޅުން ވަރަށް ބާރަށް ފެން ވަންނަ މަންޒަރު ފެނެ އެވެ. 
ކޯސްޓްގާޑުން ވަނީ ބޯޓުގެ ހުރިހާ ފަޅުވެރިން ސަލާމަތްކޮށް، ބޯޓުން ދިޔަ ހިއްކުމުގައި އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެއަށްފަހު ބޯޓު މަރާމާތު ކުރުމަށް ޓުޓުކޮރިން ބަނދަރަށް ވަނީ ގެންގޮސްފަ އެވެ. 
މި ނޫހަށް އެނގިފައިވާ ގޮތުގައި ރާއްޖެއަށް ގެންނަން ބަރުކޮށްފައި ހުރި މުދާ އެ ބޯޓުން ވަނީ ސަލާމަތްކޮށްފަ އެވެ. އަދި އެއްވެސް މުދަލަކަށް ލޮނުގެ އަސަރު ނުކުރާކަން ވެސް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ