ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ އުޖޫރައަށް އަންނަ ބަދަލު ބަލައިގަނެވޭބާ!

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ލޭނާރު ކަމުގައިވާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ލިބޭ އުޖޫރައަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރެވެއެވެ. މި ބަދަލުތަކުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވާނެ ދަތިތަކާއި، ޤައުމުގެ އިޤްތިޞާދަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވެމުންދެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް މިހާތަނަށް މުސާރައާއި ސަރވިސް ޗާޖު ދެމުން އައީ ޔޫއެސް ޑޮލަރުންނެވެ. ނަމަވެސް، ސަރުކާރުގެ އާ ސިޔާސަތުތަކާ ގުޅިގެން، ބައެއް ރިސޯޓުތަކުން މުސާރައާއި ސަރވިސް ޗާޖު ދިވެހި ރުފިޔާއިން ދިނުމަށް ނިންމަމުންދާކަން ފާހަގަކުރެވެއެވެ. މި ބަދަލުގެ ސަބަބުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބި، އާމްދަނީ ދަށްވުމާ ކުރިމަތިލާން ޖެހިދާނެކަމަށް ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ ބަޔާނެއް ނެރެ އަޑުއުފުލާފައެވެ.
މި ބަދަލުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވާނެ އެންމެ ބޮޑު ގެއްލުމަކީ އާމްދަނީ ދަށްވުމެވެ. ޓީމްއިން ފާހަގަކޮށްފައިވާ ގޮތުގައި، މުވައްޒަފުންނަށް 3,000 ނުވަތަ 5,000 ރުފިޔާގެ މާލީ ގެއްލުމެއް ލިބިދާނެއެވެ. މިއީ ގިނަ މުވައްޒަފުންނަށް ތަހައްމަލުކުރަން އުނދަގޫވާނެ ބުރައެކެވެ. ޚާއްޞަކޮށް، ދިރިއުޅުމުގެ ޚަރަދުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި، މިފަދަ ބޮޑު ގެއްލުމެއް ލިބުމަކީ މުވައްޒަފުންނަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެންދާނެއެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންނަށްވެސް މި ބަދަލުގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. ޓީމްއިން ފާހަގަކޮށްފައިވާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 70 އިންސައްތައަކީ ބިދޭސީ މަސައްކަތްތެރިންނެވެ. މި ފަރާތްތަކަށް ދިވެހި ރުފިޔާއިން އުޖޫރަ ދިނުމުން، އެ ފަރާތްތަކުގެ ޢާއިލާތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެ، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުތަކެއް ކުރާނެއެވެ. އެހެންނަމަވެސް، މި ބަދަލުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ކޮންމެވެސް ވަރެއްގެ ފައިދާތަކެއް ކުރާނެކަމަށް ބައެއް އިޤްތިޞާދީ މާހިރުން ދެކެއެވެ. ސަރުކާރުން މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ ޤައުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމެވެ.
ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ޑޮލަރުން ލިބޭ އާމްދަނީގެ 20 އިންސައްތަ ކޮންމެ މަހަކު ބޭންކަށް މާރުކުރަން ޖެހުމުގެ ސަބަބުން، ޤައުމުގެ ބޭރު ފައިސާގެ ރިޒަރވް އިތުރުވެ، އިޤްތިޞާދީ ހަރުދަނާކަން އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.
ނަމަވެސް، މި ބަދަލުގެ ސަބަބުން ކުރިމަތިވާނެ ގެއްލުންތައް ފޫބެއްދުމަށްޓަކައި، ޓީމްއިން ވަނީ ގިނަ ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެއްވެސް މުވައްޒަފަކު ދިވެހި ރުފިޔާއިން މުސާރައާއި ސަރވިސް ޗާޖު ނެގުމަށް އެއްބަސްނުވުމަށާއި، ވަޒީފާގެ އެއްބަސްވުން ބަދަލުކޮށް އެފަދަ ލިޔުމެއްގައި ސޮއިނުކުރުމަށް ގޮވާލުން ހިމެނެއެވެ. އަދި މިފަދަ ކޮންމެ ރިސޯޓެއްގައިވެސް މުވައްޒަފުން އެއްބައިވެ، މި މާލީ ގެއްލުމުން ސަލާމަތްވުމަށް އެންމެން އެކީ ނުރުހުން ފާޅުކުރުމަށްވެސް ޓީމްއިން ގޮވާލާފައިވެއެވެ.
މި މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށްޓަކައި، ސަރުކާރާއި، ރިސޯޓު ވެރިންނާއި، މުވައްޒަފުންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ. ޓީމްއިން ފާހަގަކޮށްފައިވާ ފަދައިން، ތަކެތީގެ އަގާއި ދިރިއުޅުމުގެ ޚަރަދުތައް ދުވަހެއް ދުވަހަކަށް އުފުލެމުންދާ ހާލަތެއްގައި، ޑޮލަރުގެ އަގު 15.42 ރުފިޔާގައި ހިފެހެއްޓި، އާންމު ބޭންކުތަކަށް ދަތިކަމެއް ނެތި ޑޮލަރު ލިބޭނެ ހާލަތަށް މާލީ ހާލަތު ބަދަލުވެ، ތަކެތީގެ އަގު ދަށްވެ، އެއް ހަމައެއްގައި ހިފެހެއްޓުމުން މިފަދަ ބަދަލުތަކަށް މަސައްކަތްތެރިން މަރުޙަބާ ކިޔާނެކަން ކަށަވަރެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ އުޖޫރައަށް މިހާރު އަންނަމުންދާ ބަދަލަކީ ވަރަށް ސީރިއަސް މައްސަލައެކެވެ. މި ބަދަލުގެ ސަބަބުން މުވައްޒަފުންނަށް ކުރިމަތިވާނެ ގެއްލުންތަކާއި، ޤައުމުގެ އިޤްތިޞާދަށް ކުރާނެ އަސަރުތައް ރަނގަޅަށް ދިރާސާކޮށް، އެންމެހައި ފަރާތްތަކަށް އެންމެ ފައިދާހުރި ގޮތަކަށް މި މައްސަލަ ހައްލުކުރުމަކީ މުހިންމު ކަމެކެވެ. މިކަމުގައި ސަރުކާރާއި، ރިސޯޓު ވެރިންނާއި، މުވައްޒަފުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމްޢިއްޔާތަކުގެ މެދުގައި އޮންނަންޖެހޭނީ ހަރުދަނާ މުޢާމަލާތަކާއި އެއްބާރުލުމެވެ. މިގޮތުން، އެންމެހައި ފަރާތްތަކުގެ މަޞްލަޙަތު ހިމާޔަތްކުރެވޭނެ ފަދަ ހައްލެއް ހޯދުމަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.
އަދި ހަމައެހެންމެ، ދިގު މުއްދަތަކަށް ބަލާއިރު، ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަމާއި، ފަތުރުވެރިކަމުގެ ދާއިރާގެ ދެމެހެއްޓެނިވި ކުރިއެރުމަށް ވިސްނައި، މުވައްޒަފުންގެ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރެވޭނެ ގޮތްތަކެއް ރޭވުމަކީވެސް މުހިންމު ކަމެކެވެ. މިކަމުގައި ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް، މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތްތައް ރައްކާތެރިކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މިދިޔަ އޮކްޓޯބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށް ބަލައި، ޑޮލަރު މާރުކުރުމުގެ ސުންގަޑިއަކަށް ވަނީ މި މަހުގެ 28 ކަނޑައަޅާފައެވެ. މި ތާރީޚުގެ ކުރިން ޑޮލަރު މާރުކޮށް ނިންމުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. 
ރާއްޖޭގައި ޚިދުމަތްދޭ 175 ރިސޯޓުގެ ތެރެއިން މިހާތަނަށް 138 ރިސޯޓުން މިދިޔަ އޮކްޓޯބަރު މަހުގެ ސޭލްސް ރިޕޯޓު އެމްއެމްއޭއަށް ހުށަހަޅާފައިވެއެވެ. މި ރިޕޯޓުތަކަށް ބަލައި އަންދާޒާކުރެވޭ ގޮތުގައި 30 މިލިޔަނާއި 40 މިލިޔަނުގެ އަދަދެއްގެ ޑޮލަރު މާރުކުރެވޭނެއެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވުނު ގަވާއިދުގައިވާ ގޮތުން، ރިސޯޓުތަކުން މާރުކުރަން ޖެހޭނީ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުން ބޭންކުތަކަށް މާރުކުރަން ޖެހޭނީ އަންނަ ޓޫރިސްޓުންގެ ބޮލަކަށް 25 ޑޮލަރެވެ.
މި ގަވާއިދުގެ ދަށުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިޚްތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ.ުކުރުމެވެ. "ކެޓެގަރީ ބީ" ގެ ދަށުން ގެސްޓްހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަހެއްގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރުގެ ޖަނަވަރީ 1 އިން ފެށިގެންނެވެ. ނަމަވެސް، މިދިޔަ އަހަރުގެ ފަހު ތިން މަހު އައި ޓޫރިސްޓުންގެ ބޮލަކަށްވެސް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. މި ގަވާއިދުގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒަރވް އިތުރުވެ، އިޤްތިޞާދީ ހަރުދަނާކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.            
ފަތުރުވެރިކަމުގެ ދާއިރާއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގެ މައި ލޭނާރު ކަމަށްވެފައި، މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މި ޞިނނަކީ މި ޞިނާޢަތުގެ އެންމެ މުހިންމު ވަސީލަތް ކަމުގައިވާތީ، އެ ފަރާތްތަކުގެ ޙައްޤުތަކާއި މަޞްލަޙަތުތައް ހިމާޔަތްކުރުމަކީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމަށް ކޮންމެހެން މުހިންމު ކަމެކެވެ. އެހެންކަމުން، މިހާރު ކުރިމަތިވެފައިވާ މައްސަލައަށް އަވަސް އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެންމެހައި ފަރާތްތަކުން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ އުޖޫރައަށް އަންނަ ބަދަލުތަކަކީ ހަމައެކަނި އެ މުވައްޒަފުންނަށް އެކަނި އަސަރުކުރާނެ ކަމެއް ނޫނެވެ. މިއީ މުޅި ޤައުމުގެ އިޤްތިޞާދަށާއި، އިޖްތިމާޢީ ދުޅަހެޔޮކަމަށް ސީދާ އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން، މި މައްސަލައަށް ހައްލެއް ހޯދުމުގައި ހުރިހާ ފަރާތްތަކެއްގެ މަޞްލަޙަތު ވިސްނައި، ދުރު ރާސްތާއަށް ވިސްނައިގެން ނިންމުންތައް ނިންމުމަކީ މުހިންމު ކަމެކެވެ. މިކަމުގައި ސަރުކާރާއި، ވިޔަފާރިވެރިންނާއި، މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ