ކުރިއަށް އޮތް 2013 ވަނައަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރާނެ ކަމަށް ޕީޕީއެމްގެ ވަގުތީ ރައީސް މައުމޫން އަބުދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅު ތިމަރަފުށީ ދާއިރާގެ ގޮނޑި ޕީޕީއެމަށް ކާމިޔާބުވެ ރައްޔިތުންގެ މަޖިލިހުގައި ގާނޫނީ ހައިސިއްޔަތު ލިބުމުގެ އުފަލުގައި މިރޭ ގުރައިދޫގައި ބޭއްވި ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން އަވަސް އިންތިހާބެއް ބޭއްވުމަށް އެމްޑީޕީން ދައްކާ ވާހަކަތަކަށް މައުމޫން ރައްދެއް ދެއްވެވި އެވެ. މައުމޫން ވިދާޅުވީ އަވަސް އިންތިހާބެއް ބޭއްވިއްޖެ ކަމަށާއި ދެން އިންތިހާބެއް ބޭއްވޭނީ 2013 ވަނަ އަހަރުގައި ކަމަށެވެ. އަދި އެއިންތިހާބު ވެސް ޕީޕީއެމުން ކާމިޔާބު ކުރާ ކަމަށެވެ
"ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް އިވިގެން އެބަދޭ އަވަސް އިންތިހާބެއް ބާއްވާ ވާހަކަ އަވަސް އިންތިހާބަކަށް ބޭނުންވާ ވާހަކަ. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެކަން ވެއްޖެޔޭ. އެއަވަސް އިންތިހާބު ބޭއްވިއްޖެޔޭ. އެއަވަސް އިންތިހާބުގެ ނަތީޖާ މިއަދުމިއޮތީ ފެންނާށޭ. ލިބިފައި އޮތް ތާއީދަކީ ޕީޕީއެމަށް ލިބުނު ތާއީދު. އިއްތިހާދަށް ލިބުނު ތާއީދު،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ގާނޫނޫ އަސާސީ ގައި ބުނާގޮތަށް ދެން އިންތިހާބު އޮންނާނީ 2013 ވަނަ އަހަރު ކަމަށާއި އޭގެ ކުރިން ރިޔާސީ އިންތިހާބެއް ގާނޫނޫ އަސާސީއާ ހިލާފަށް ނުބޭއްވޭނެ ކަމަށެވެ. އަދި ވިދާޅުވީ އަވަސް އިންތިހާބެއްގެ ވާހަކަ ދައްކާ ބޭރުގެ ފަރާތްތަކުން އެވާހަކަ ދައްކަނީ ވަކި ހާއްސަ ބޭނުމެއްގައި ކަމަށާއި ރާއްޖޭގެ ދާހިލީކަންކަމާ އެއްވެސް ފަރާތަކުން ބެހުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.
"ބޭރުގެ ބައެއް ފަރާތްތަކުން އެވާހަކަ [އަވސް އިންތިހާބުގެ ވާހަކަ] އެބަދައްކާ އެވާހަކަ ދައްކަނީ ކޮންމެވެސް އެހެން ބޭނުމެއްގައި. އަޅުގަނޑުމެންގެ ސިޔާދަތު ރައްކާތެރިކުރަން ޖެހޭނެ. އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކުރަން ޖެހޭނެ. ރާއްޖޭގެ ދާހިލީކަންތަކާ އެއްވެސް ބަޔަކު ބެހުމުގެ ފުރުސަތު ދެވިގެން ނުވާނެ،" މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ އިންތިގާލީ ރައީސް، މައުމޫން ވިދާޅުވީ ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ތިމަރަފުށީ ގާދިއްފުށީ އަދި ގުރައިދޫގެ ރައްޔިތުންގެ އިތުރަށް ޕީޕީއެމަށް ހެޔޮއެދޭ އެތައް ބަޔަކާއި އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށާއި އެގޮތުން ޖުމުހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ކޮށްދެއްވި މަސައްކަތް ވަނީ މައުމޫން ފާހަގަކުރައްވާފަ އެވެ.
ޕީޕީއެމަށް ލިބުނު ކާމިޔާބީ ފާހަގކުރުމުގެ ޖަލްސާގައި ބައިވެރިވުމަށް މިއަދު ގުރައިދުއަށް ރައީސް މައުމޫން ވަޑައިގެންނެވުމުން އެމަނިކުފާނަށް އެރަށުން ވަނީ ވަރަށް ހޫނު މަރުހަބާ އެއް ކިޔައިފައެވެ.
އަންނަ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ