ކުޅުދުއްފުށިން ކަރަންޓު ކެނޑޭތީ ވަގުތީ ހައްލެއް ހޯދައިދިނުމަށް ޖަނަރޭޓަރެއް ގެންދަނީ

ފެނަކައިގެ ދަށުން ހިންގާ ހދ. ކުޅުދުއްފުށީ އިންޖީނުގޭގެ އިންޖީނަކަށް މައްސަލަދިމާވެ، ކަރަންޓް ކެނޑޭތީ 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް އެރަށަށް ގެންދަން ނިންމައިފިއެވެ.
ފެނަކައިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުޅުދުއްފުއްޓަށް 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންދިއުމަށް ނިންމާފައިވަނީ ކަރަންޓުގެ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
ކުޅުދުއްފުއްޓަށް ކަރަންޓުގެ މައްސަލަ ދިމާވެފައިމިވަނީ އެރަށަށް ކަރަންޓު ފޯރުކޮށްދެމުންދާ އިންޖީނުތަކުގެ ތެރެއިން 1 މެގަ ވޮޓްގެ ޖަނަރޭޓަރު ސެޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ލޯޑު މަތިވާ ގަޑިތަކުގައެވެ.
ފެނަކައިން ބުނީ އެރަށަށް މިހާރު ކަރަންޓު ފޯރުކޮށްދެމުންދަނީ 1 މެގަ ވޮޓްގެ ޖަނަރޭޓަރު ސެޓައި 800 ކިލޯވޮޓްގެ 2 ޖަނަރޭޓަރު ސެޓެއް ބޭނުންކޮށްގެންކަމަށެވެ.
އެހެންކަމުން، ލޯޑް އެންމެ މަތިވާ ގަޑިތައްކަމަށްވާ ހެނދުނު 10:00 އިން 17:00 އާއި ދެމެދުގެ ވަގުތުތަކުގައި ރަށުގެ ހަތަރުބައިކުޅަ އެއްބައިގެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކަނޑާލަން ޖެހިދާނެކަަމަށް ވެސް ފެނަކައިން ބުނެއެވެ.
ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސްޕެއާ ރާއްޖެ ލިބޭނެ ކަމަށް ލަފާކުރެވެނީ މިމަހުގެ 18 ގައި ކަމަށާއި އެތަކެތި ލިބުމުން 1 މެގަވޮޓް ޖަނަރޭޓަރު ސެޓް މަރާމާތުކޮށް ކުޅުދުއްފުށީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ފެނަކައިން ބުނެއެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ކަރަންޓުގެ މައްސަލަ އެރަށަށް ކުރިމަތިވެގެން އުޅޭތާ މިހާރު ގާތްގަނޑަކަށް ދެ ހަފުތާ ވެދާނެކަމަށެވެ. އަދި ވަގުތީ ހައްލެއް ހޯދައިދިނުމަށް ޖަނަރޭޓަރެއް ރަށަށް ގެންނަން އުޅޭކަމުގެ މައުލޫމާތު ރަސްމީ ސިފައެއްގައި ލިބިފައި ނުވާކަމަށް ވެސް އަބްދުއްލަތީފް ވިދާޅުވެއެވެ.
އާބާދީގައި 9885 މީހުން ދިރިއުޅެމުންދާ ކުޅުދުއްފުއްޓަށް ކަރަންޓުގެ މައްސަލަ ދިމާވެ އާންމުންގެ ޝަކުވާތައް ލިބޭކަން ފާހަގަކޮށް އަބްދުއްލަތީފް ވިދާޅުވީ، ކަރަންޓު ކެނޑޭތީ އަގު ބޮޑެތި މުދާތަކަށް ގެއްލުން ލިބި އޮފީސްތަކުގެ މަސައްކަތްތައް ހުއްޓުމަކަަށް އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ