މިއަދަކީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ އުފަންދުވަހެވެ. މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިވީ ދިގު މުއްދަތުގެ ތެރޭގައި މަދު ދުވަހަކު މެނުއީ ފާރިސް ހުންނެވީ ޖަލުގެ ކުޑަ ގޮޅީގައި ބަންދުކުރައްވާފައެވެ. ސަރުކާރުން މިއަދު އެންމެ ޖެހިލުންވާ ސިޔާސީ ބޭފުޅުންގެ ތެރޭގައި ފާރިސް މައުމޫން ހިމެނި، އެމަނިކުފާނުގެ މައްޗަށް އެކި ގޮތްގޮތުން ގިނަ ތުހުމަތުތަކެއްކޮށް، އެތަށް ފަހަރެއްގެ މަތިން ވަނީ ހައްޔަރުކޮށްފައެވެ.
މިއަދަކީ ފާރިސް މައުމޫންގެ އުފަންދުވަސް ނަމަވެސް މިއީ އޭނާއަށްވެސް އަދި އާއިލާއަށްވެސް އުފާވެރި ދުވަހެއް ނޫނެވެ. ޚާއްސަކޮށް ދަރިކަލުން އިއްޒުއްދީން އަހުމަދު ފާރިސްއަށް މިއަދަކީ ހިތާމަވެރި ދުވަހެކެވެ. އުމުރުން އެންމެ ފަސް އަހަރުގެ އެ ދަރިކަލުންގެ އެންމެ ބޮޑު އުންމީދަކީ ލޯބިވާ ބައްޕަގެ އުފަންދުވަސް ކުލަގަދަކޮށް، އުފާވެރި ހަފްލާއެއްގައި ފާހަގަކުރުމެވެ. ނަމަވެސް އެ އުފާވެރިކަމުން އެ ދަރިކަލުން މިއަދު ވަނީ މަހުރޫމް ކުރެވިފައެވެ.
ނަމަވެސް އެ ތުއްތު ދަރިކަލުންގެ އުންމީދު ހާސިލްނުވިނަމަވެސް އަދިވެސް ހުރީ އެހެން އުންމީދެއް އައު ކުރައްވައިގެންނެވެ. އެއީ އޭނާގެ ހަވަނަ އުފަންދުވަސް ބައްޕައާއިއެކު ފާހަގަކުރުމުގެ އުންމީދެވެ. އިއްޒުއްދީންގެ އުފަންދުވަހަކީ އަންނަ މަހުގެ 27 ވަނަ ދުވަހެވެ.
ފާރިސް މައުމޫންގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ ވަނީ ފާރިސްގެ އުފަންދުވަހާއި ގުޅިގެން ދަރިކަލުންގެ ވާހަކަތައް ޓްވިޓާގައި ހިއްސާކުރައްވާފައެވެ.
ލީޝިޔާ ވިދާޅުވީ ވޭތިވެދިޔަ އަށެއްކަ މަސްދުވަހު ދަރިކަލުންގެ ހުރިހާވެސް ދުއާއަކީ ފިރިކަލުން ފާރިސް މައުމޫންގެ އުފަންދުވަސް އާއިލާއާއިއެކު ފާހަގަކުރުމުގެ ފުރުސަތު ލިބުންކަމަށެވެ. ނަމަވެސް އެ އުންމީދު ހާސިލްނުވުމުން މިއަދު ދަރިކަލުން ކުރަމުންދާ އެންމެ ބޮޑު އުންމީދަކީ އޭނާގެ އުފަންދުވަސް ފާހަގަކުރާއިރު، ބައްޕަ ކައިރީގައި ހުރުމެވެ.
ލީޝިޔާ ވިދާޅުވީ ފާރިސް މައުމޫން ހައްޔަރުކޮށްފައިވާތާ އެތަށް މަސްތަކެއް ފާއިތުވެެގެންދިޔައިރު އެކަމުގެ ހިތްދަތިކަން އެންމެ ބޮޑަށް ކޮށްފައިވަނީ ދަރިކަލުން އިއްޒުއްދީނަށްކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ މަސީހު މުހައްމަދު ހިންގަވަމުން ގެންދެވި ގާނޫނާއި ޚިލާފު ކަންކަމާއި ދެކޮޅަށް ތެދުވެ، މަޖިލީސްތެރެއިން ކަންކަން އިސްލާހު ކުރައްވަން ފާރިސް މައުމޫން ފެއްޓެވި މަސައްކަތްޕުޅާއިއެކު ގިނަ ތުހުމަތުތަކެއްކޮށް ފާރިސް މައުމޫން އެންމެ ފުރަތަމަ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.
މަސީހުގެ އިތުބާރު ނެތްކަމަށް ފާރިސް މައުމޫނާއި، ގުޅިފައިވާ ޕާޓީތަކުގެ މަޖިލީހުގެ މެންބަރުން ހުށައެޅި ގަރާރުގައި 45 މެންބަރުން ސޮއިކުރުމަކީ ސަރުކާރަށް ލިބުނު ބޮޑު ސިހުމެކެވެ. އެއީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް ގެއްލިގެންދިޔަކަން އިހުސާސުވީ ފުރަތަމަ ފަހަރަށްވުމުން، ގާނޫނާއި ޚިލާފަށް ނަމަވެސް މަސީހު މަޖިިލީހުގެ ރިޔާސަތުގައި ބޭއްދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ފެށިއެވެ. އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ހައްޔަރުކުރެވުނީ ފާރިސް މައުމޫނެވެ. ފާރިސް މައުމޫނަށް ކޮށްފައިވާ ތުހުމަތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވުމެވެ. އެއާއިއެކު ފާރިސް މައުމޫން 6 މަސްދުވަހަށްވުރެ ދިގު މުއްދަތަކަށް ޖަލުގައި ބަންދު ކުރެވުނެވެ. އަދި އޭގެ ފަހުން ކޯޓުން އޭނާ މިނިވަންކުރުމާއިއެކު އަނެއްކާވެސް ހައްޔަރުކުރެއެވެ.
ފާރިސް މައުމޫން މުއައްސިސަކަށް ހުންނަވާ އުފެއްދެވި ޕާޓީގެ ދިދައާއި ލޯގޯ ބޭނުންކުރެއްވިކަމަށް ބުނެ ޝަހުސް އޮޅުވާލުމުގެ ދައުވާވެސް އުފުލެއްވިއެވެ. އެންމެ ފަހުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރަކީ ރައީސް ޔާމީންގެ ސަރުކާރު ވައްޓާލުމަށް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ނެރެފައިވާ އަމުރެއްކަމަށް ބުނެ، އެ އަމުރާއި ގުޅިގެން ފާރިސް މައުމޫންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ވަނީ އުފުލާފައެވެ. އެ ދައުވާއާއި ގުޅިގެން މިއަދު ފާރިސް މައުމޫން ދޫނިދޫ ޖަލުގައި ހުންނެވީ އަދި ކޯޓްގައި ނުވެސް ފެށޭ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
ފާރިސް މައުމޫންގެ މައްޗަށް ކުރާ ތުހުމަތުތަކީ އެއްވެސް އަސާސެއްނެތް ތުހުމަތުތަކެއްކަމަށް ފުރަތަމަ ދުވަހުން ފެށިގެންވެސް ގިނަ ބަޔަކު ދިޔައީ ގަބޫލުކުރަމުންނެވެ. އެ ގަބޫލުކުރުންތަކަށް އިތުރު ބާރެއް ލިބިގެންދިޔައީ މި ހުރިހާ ދުވަހު ފާރިސް މައުމޫން ރިޝްވަތު ދެއްވިކަމަށް ބުނާ މަޖިލީސް މެންބަރު ޝަރީއަތުގައި ފާރިސްއާއި އެއްކޮޅަށް، ދައުލަތާއި ދެކޮޅަށް ހެކިބަސް ދިނުމުންނެވެ. ސިއްރުން ހެކިބަސް ދެމުން މަޖިލީހުގެ އެ މެންބަރު ވަނީ މާތްﷲ ގަންދީ ހުވާކޮށް މީހެއްގެ ބޮލުގައި އެފަދަ ދޮގު ތުހުމަތެއް އަޅުވަން ނުކުރޭނެކަމަށް ވިދާޅުވެފައެވެ. އަދި ފާރިސް މައުމޫން ދުވަހަކުވެސް ރިޝްވަތުގެ ފައިސާއެއް އޭނާއަށް ދެއްވާފައިނުވާކަމަށް ވިދާޅުވިއެވެ. މި ވާހަކަތަކުންވެސް ކޮންމެ ގޮތަކުން ނަމަވެސް ފާރިސް މައުމޫން ގާނޫނީ ގޮޅިއަކަށް ފައްތަވާ، ބޮޑު ހުކުމެއް އޭނާގެ މައްޗަށް އިއްވުމަށް ބަޔަކު ފޫގަޅާފައި ތިބި މިންވަރު ހާމަވެއެވެ.
ފާރިސް މައުމޫނަކީ މި ސަރުކާރު ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި އެއް ބޭފުޅެވެ. ރައީސް މައުމޫންގެ ބޭފުޅުން ރައީސް ޔާމީންގެ ކެންޕޭންގައި ބައިވެރިކުރުވާ، އެ ހަރަކާތުގައި އިސްސަފަށް މައުމޫންގެ ބޭފުޅުން ނެރުއްވީވެސް ފާރިސް މައުމޫން އިސްވެ ހުންނަވައެވެ. ނަމަވެސް ފާރިސް މައުމޫނަށް ސަރުކާރުން ބޭނުންހާ ގޮތަކަށް އަމަލުކުރަމުންދާ މަންޒަރު ބަލަން ކެތްނުވީއެވެ. އެހެންކަމުން ބައްޕާޕުޅާއިއެކު އިސްލާހީ މަސައްކަތް ފެއްޓެވީއެވެ. އެންމެ ފުރަތަމަ މަޖިލީހުގައި އެ މަސައްކަތްޕުޅު ފެއްޓެވީ ގިނަ ކަންޏާއެވެ. ނިންމަވާލެއްވީ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަކަށްވުރެ ގިނަ މެންބަރުން ހިމެނޭގޮތުން 45 މެންބަރުން އެ މަސައްކަތުގައި ބައިވެރިކުރައްވައިގެންނެވެ. މިއީ ފާރިސްގެ މައްޗަށް ތުހުމަތުކޮށް ޖަލުގައި ބަންދުކުރަން ޖެހުނު ސަބަބެވެ. މި ސަރުކާރުގެ ބާރުގަދަ އަތްތަކަށް ފާރިސް މައުމޫން ނުހުއްޓުވުނީއެވެ. ސިޔާސީ މައިދާނުގައި މާ އަވަހަށް ފާރިސް މައުމޫން ކުރިއަށް ވަޑައިގެންނެވީއެވެ.
ހުރިހާ އަނިޔާއެއް ދަރިކަލުން އިއްޒުއްދީން އަހުމަދު ފާރިސްއަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ