ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމުގައިވާ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންއާއި ފަނޑިޔާރު މުއުތަސިމް އަދުނާން ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެޖެންޑާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފަށައިިފި އެވެ.
ޖަލްސާ ފެށުމާއެކު އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވާ އެކަން ކުރަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ވިދާޅުވެފަ އެވެ.
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ނަމަވެސް އެބޭފުޅުން ޝަރުތު ހަމަނުވާ ސަބަބެއް ޖޭއެސްސީގެ ސިޓީގައި ބަޔާންކޮށްފައެއް ނުވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުށަހެޅިފައިވާ މައްސަލައަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު އަހްމަދު ދީދީ ވިދާޅުވީ ދެ ފަނޑިޔާރުން ޝަރުތު ހަމަނުވާ ކަމަށް މަޖުބޫރު ކުރުވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ ޖޭއެސްސީން ނިންމި ގޮތުގެ ރިޕޯޓް ނުލިބޭހާ ހިނދަކު ސުޕްރީމް ކޯޓުގައި ތިއްބެވީ ކޮން ބައެއްކަން ވެސް ނޭނގޭ ހާލަތުގައި އެބޭފުޅުން މިއަދު ތިބި ކަމަށެވެ.
ޖޭޕީގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށްވާތީ އެ މައްސަލައަށް އޭނާ ތާއީދުނުކުރައްވާނެ ކަމަށެވެ. އަދި ވަކިކުރާ ދެ ފަނޑިޔާރުންނަށް އެ ބޭފުޅުންގެ ދިފާއުގައި ވާހަކަ ދައްކާނެ ފުރުސަތު ދީފައި ނުވާ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
އަލީ ހުސައިން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީން ނިންމީ ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށް ޖޭއެސްސީއަށް ވަކިގޮތަކަށް އަމަލުކުރަން ލާޒިމް ކުރުމުން ކަމުގަ އެވެ.
އެމްޑީޕީގެ ރޮޒައިނާ އާދަމް ވިދާޅުވީ ސަރުކާރަށް ތާއީދުކުރާ ބަޔަކު މަޖިލީހުގައި ތިބެގެން މިއަދު ކުރާހާވެސް ކަމަކީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ މުޅި ގައުމު ހަލާކުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެފަދަ އެއްވެސް މަސައްކަތަކަށް އެމްޑީޕީން ތާއީދުނުކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރޮޒައިނާ ވިދާޅުވީ ސުޕްރީމް ކޯޓުން ވަކިކުރަން ނިންމާފައިވާ ދެ ފަނޑިޔާރުންނަށް ވުރެ އަވަހަށް ވަކިކުރަން ޖެހޭ ފަނޑިޔާރުން ސުޕްރީމް ކޯޓުގައި އެބަ ތިއްބެވި ކަމަށެވެ. އެ ފަނޑިޔާރުންގެ އަނބުރު އިއްޒަތް ގެއްލިފައިވާ މަންޒަރުތައް ރައްޔިތުންނަށް ފެނިފައިވާ ކަމުގައިވެސް ރޮޒައިނާ ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިދު ވިދާޅުވީ ފަނޑިޔާރުން ވަކިކުރުމަކީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް އެކަން ކުރަންވާނީ ގާނޫނު އަސާސީއާ ގާނޫނުތަކުގެ ތެރެއިން ކަމަށެވެ. ނަމަވެސް މިހާރު ވަކިކުރަން ނިންމާފައިވާ ދެ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނުވާ ކަން ނާޝިދު ވެސް ފާހަގަކުރެއްވި އެވެ.
ނާޝިދު ވިދާޅުވީ މިހާރު އަމަލުކުރަމުން ގެންދާ ފެހި ގާނޫނު އަސާސީ އެކުަލަވާލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަރަށް މުހިއްމު މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާ ކަން ފާހަގަކުރައްވާ ކަމަށެވެ. އެހެންކަމުން މިއަދު ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް މަޖިލީހުން ނިންމަން މަސައްކަތް ކުރާއިރު ގާނޫނު އަސާސީއަށް ގެއްލުން ލިބޭ ގޮތަށް ކަމެއް ވެގެންދިއުމަކީ "ގާސިމް އިބްރާހީމަށް ކެތްވާވަރުގެ ކަމެއް ނޫން ކަމަށް" ދެކެވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ ވިދާޅުވީ މިއަދު ގައުމުގައި ގާނޫނު އަސާސީއެއް އޮތަސް މިހާރު ގާނޫނު އަސާސީ ނެތް ހާލަތަށް އައިސްފައިވާ ކަމަށެެވެ. އަދި ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަކީ މުޅި ޝަރުއީ ދާއިރާއަށް ކުރާ ފުރައްސާރައަކާއި ޖެއްސުމެއް ކަމަށެވެ.
ޖޭޕީގެ މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވީ މިއަދު މަޖިލީހުން ނިންމަން އުޅޭ ނިންމުމަކީ އަދުލު އިންސާފުގެ ދާއިރާއަށް ހެޔޮ އެދިގެން ނިންމާ ނިންމުމެއް ނޫން ކަމަށެވެ. ްއަދި ވިދާޅުވީ ޖޭއެސްސީން ދެ ފަނޑިޔާރުން ނިންމުމުގައި ބެއްލެވި ކަންކަން ސާފުކޮށް އިނގެން ބޭނުންވާ ކަމަށެވެ.
ހުސައިން މުހައްމަދު ވިދާޅުވީ ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރަނީ ޝަރުއީ ދާއިރާއަށް ކަނޑައެޅިގެން ބާރާއި ނުފޫޒް ފޯރުވުމަށް ކަމަށެވެ. ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވާފައިވާ ގާނޫނީ ލަފައަކީ ކޮބައިތޯ ވެސް ހުސައިން މުހައްމަދު ވަނީ މަޖިލީހުގެ ރިޔާސަތާ ސުވާލު ކުރައްވާފަ އެވެ.
އެމްޑީޕީގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ގެންދަވަނީ އެމަނިކުފާނުގެ އަމިއްލަ ނަފްސަށް ވެސް އޮޅުވާލައްވަމުންނެވެ. އަދި ވިދާޅުވީ މަޖިލީހުގެ ރައީސް ގެންދަވަނީ މުޅި ގައުމު ހަލާކުކޮށް ފަސާދަ ކުރައްވަމުން ކަމަށާއި އެކަމަށް ބިރުވެތިވުމަށް ވެސް އިބްރާހިމް ދީދީ ގޮވާލެއްވި އެވެ.
މައްސަލައަށް ބަހުސް ކުރައްވަމުން ޖޭޕީގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށް ވިދާޅުވީ ހަމަައެކަނި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު އެކަނި ކަމަށެވެ.
އަދާލަތު ޕާޓީގެ މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ ދެ ފަނޑިޔާރުން ވަކިކުރަން ނިންމި މައްސަލާގައި ޖޭއެސްސީން ނިންމި ގޮތުގެ ތަފްސީލް ބޭނުންވާ ކަމަށެވެ. އިންސާނުން ހަދާ ގާނޫނުގައި ހިޔާލު ތަފާތުވުން ހުންނާނެ ކަމަށާއި އެހެންނަމަވެސް އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ހިޔާލަށާއި ރައުޔަށް އިހްތިރާމް ކުރުމަށް އަނާރާ އެދިވަޑައިގެންނެވި އެވެ.
ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ މަޖިލީހުގެ ދެ މެންބަރުން ކަމުގައިވާ ޖޭޕީގެ އަބްދުﷲ ރިޔާޒު އާއި އިމްތިޔާޒު ފަހްމީއަށް ދިން ހަމަލާ ކުށްވެރިކުރައްވާ ކަމަށެވެ. އަދި މެންބަރުންނަށް ސެކިއުރިޓީ ދެއްވުމަށްވެސް ނިހާން އެދިވަޑައިގެންނެވި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި މެންބަރުން ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަމުން ނިހާން ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރަން މަސައްކަތް ކުރައްވަނީ ގާނޫނު އަސާސީއާ ހިލާފަށް ނޫން ކަމަށެވެ. އަދި އެކަމާ ގުޅޭ ބައެއް ގާނޫނީ ޕޮއިންޓްތައްވެސް އޭނާ ވިދާޅުވެ ދެއްވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިހާން ވަނީ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންއާ ގުޅޭގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާފައިވާ ބައެއް ވާހަކަތައް ވެސް ވިދާޅުވެ ދެއްވާފަ އެވެ. އަދި އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންގެ މައްޗަށް ނަޝީދު ކުރައްވާފައިވާ ތުުހުމަތުތަކަކީ ބައްލަވަންޖެހޭ ކަންތައްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.
ނިހާން ވަނީ ރައީސް ނަޝީދަށާއި އެމްޑީޕީއަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ވިދާޅުވީ ނަޝީދު ވިދާޅުވާހާ ގޮތަކަށް އަމަލުކުރުމަށް އެމްޑީޕީގެ މެންބަރުން ތިބީ "ރީނދޫ ހުންޖެހިފައި" ކަމުގަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައަށް ބަހުސް ކުރެއްވުމަށް އެދިވަޑައިގެންނެވި ހުރިހާ މެންބަރުންނަށް މިއަދު ވަނީ ފުރުސަތު ދެއްވާފަ އެވެ. އަދި މެންބަރުން ބަހުސް ކުރައްވާ ނިންމެވުމުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލާގައި ޕާޓީ ތަކުގެ ލީޑަރުންނާ މަޝްވަރާކުރެއްވުމަށްފަހު ވޯޓަށް އަހާ ގަޑި އެސްއެމްއެސްއަކުން މެންބަރުންނަށް އަންގަވާނެ ކަމަށެވެ. އެހެންކަމުން މަޖިލިސް މިހާރު ވަނީ މިވަގުތަށް މެދުކަނޑާލާފަ އެވެ.
ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރުމަށް މެންބަރު ދެކޮޅު ހައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ