ޤައުމީ މަސްލަހަތު ތަން ނުދޭތީ ކޯޓުތައް ރިސެސްއަށް ނުދިއުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

މިދުވަސްވަރު ކޯޓުތައް ރިސެސްއަށް ދިއުމަކީ ޤައުމީ މަސްލަހަތު ތަން ދޭ ކަމަކަށް ނުވާތީ، ކޯޓުތައް މިދުވަސްވަރު ރިސެސްއަށް ނުދިއުމަށް ސުޕްރީމް ކޯޓުން މިރޭ އަމުރުކޮށްފިއެވެ.
އެ ކޯޓުން މިރޭ ނެރުނު އަމުރެއްގައި ބުނެފައިވަނީ ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ މިނިވަން މުސްތަޤިއްލު ޝަރުޢީ ނިޒާމެއްގެ ތެރެއިން ފަސޭހަކަމާއެކު ޢަދުލު އިންޞާފަށް ވާސިލްވެވޭނެ މަގުފަހިވެފައި އޮތުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް ކަމަށެވެ.
އަދި ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކަށް އަވަހަށް އިންޞާފު ލިބިގެންދިއުމަކީ މުޖުތަމަޢުގެ ހަމަހިމޭންކަމާއި ޞުލްޙަ މަސަލަސްކަމާއި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ކޮންމެހެން ބޭނުންތެރި ކަމަކަށް ވާ ކަމުން، މިހާތަނަށް ޢާންމުކޮށް ހިނގަމުންއައި އުޞޫލާ އެއްގޮތްވާ ގޮތުގެމަތިން މި ވަގުތު ކޯޓުތައް ރިސެސްއަށް ދިޔުމަކީ ޤައުމީ މަޞްލަޙަތު ތަންދޭ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން، "ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓުތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދާ ދުސްތޫރީ މަސްޢޫލިއްޔަތު ކުރިއެކޭ އެއްފަދައަކުން އަދާކުރުންމަތީ ދެމިތިބުމަށް ދިވެހިރާއްޖޭގެ އެންމެހައި ކޯޓުތަކަށް އަންގަމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.
ސުޕްރީމް ކޯޓުން މިއަދު ވަނީ، އެ ކޯޓުގެ ރިސެސްވެސް ފަސްކޮށްފައެވެ. އެ ކޯޓު ރިސެސްއަށް ދިއުމަށް ހަމަޖެހިފައި އޮތީ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އެ ތާރީޚު، ޑިސެމްބަރު މަހުގެ ފަހުގެ ތާރީޚަކަށް މިހާރު ވަނީ ފަސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ