މުއްރަތަށް އިއްވި މަރުގެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

ގާނޫނީ ވަކީލު އަޙްމަދު ނަޖީބު އަވަހާރަކޮށްލުމުގެ ކުށުގައި މ. މަސްރޫރާ އަޙްމަދު މުއްރަތު މެރުމަށް ކުރި ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
"ވަގުތަށް" މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ މިއަދު ކަމަށެވެ. އޭނާ ވިދާޅިވީ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މަރުގެ ހުކުމް ތަންފީޒު ކުރެވޭނީ ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން ކަމުގައިވާއިރު، އެފަދަ މައްސަލަތައް ދައުލަތުން އިސްތިއުނާފުކުރުން ލާޒިމްކޮށް އެ ކޯޓުން މީގެކުރިން ނެރެފައިވާ ސާކިއުލާއަކަށް ރިއާޔަތްކޮށް ކަމަށެވެ.
ނަޖީބު އަވަހާރަކޮށްލާފައި ވަނީ މުއްރަތުގެ ލޯބިވެރިޔާ ށ. ގޮއިދޫ ރިހާބު ފާތިމަތު ހަނާ ލައްވައި އޭނާއަށް ފޯނުކޮށް މަސްރޫރާގެއަށް ގެންދިޔުމަށްފަހު 1 ޖުލައި 2012 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މުއްރަތު ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ނަޖީބު އަވަހާރަކޮށްލި ކަމަށް އިއުތިރާފުވެފައެވެ. އަދި ހައިކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފައެވެ.
ހަނާގެ ދައުވަތަކަށް ނަޖީބު މަސްރޫރާގެއަށް ވަޑައިގަތުމުން އެ ދެ މީހުން ދިރިއުޅޭ ކޮޓަރީގައި ހުރި އޮފީސް ޗެއާއެއްގައި ނަޖީބު ބޭއިންދުމަށްފަހު ފޮށި ބަންދުކުރާ ޓޭޕުން ނަޖީބުގެ ދެއަތާއި ދެފައި ބަނދެ މޫނާއި އަނގަމަތިން ވަށައި ޖެހޭ ގޮތަށް ޓޭޕްއެޅުމުން ނަޖީބު ހަޅޭލައްވައިގަތުމުން މުއްރަތު ވަނީ އޭނާގެ ކަރަށް ވަޅިހަރައި އަވަހާރަކޮށްލާފައެވެ.
އެ މައްސަލާގައި މުއްރަތުގެ ލޯބިވެރިޔާ ހަނާގެ މައްޗަށް ވެސް ކްރިމިނަލް ކޯޓުން މަރުގެ ހުކުމް އިއްވިއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ ކޯޓުން އަދި އެ މައްސަލާގައި ވަކިގޮތެއް ނުނިންމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ