ރޭގައި ފެނުނު "ބޮމަކީ" ސީދާ ރައީސް އަށް އަމާޒުކޮށް ގޮއްވާލުމަށް ތައްޔާރުކޮށްފައިވާ އެއްޗެއް - އުމަރު

ރޭގައި މުލީއާގެ ސަރަހައްދުން ފެނުނު "ބޮމަކީ" ސީދާ ރައީސް ޔާމީނަށް އަމާޒުކޮށް ގޮއްވާލުމަށް ތައްޔާރުކޮށްފައިވާ އެއްޗެއް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
27 ވަނަ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިހާރު ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައި ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ ރޭ މުލިއާގެ ކައިރިން ފެނުނު ޑައިނަމައިޓް ފެނިފައިވާ ވަނީ ލޮރީއެއްގެ ތެޔޮޓޭންކެއްގެ މަތިން ކަމަށާއި އެ "ބޮން" މާފަންނު ސްޓޭޑިއަމަށް ގެންގޮސް ޑިފިއުސް ކުރެވުނު ކަމަށެވެ.
"މިވެސް ސީދާ ރައިސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ރޭވި ހަމަލާއެއް، ރައިސުލްޖުމްހޫރިއްޔާއަކީ މިދެންނެވި މަގުން ކޮންމެ ދުވަހަކު އެތައް ފަހަރަކު ދަތުރުކުރައްވާ ބޭފުޅެއް، އެމަނިކުފާނު ދިރިއުޅުއްވާ ގެއަށް ވަޑައިގެންނެވުމަށް މި މަގުން ވަރަށް ގިނައިން ދަތުރުކުރައްވާ، އެހެންވީމާ މި ދެންނެވި ބޮން އެމަނިކުފާނު ދަތުރުކުރައްވާ މަގެއްގައި އޮތް ވެހިކަލެއްގައި ތެޔޮ ތާންގި މަތީގައި ބާއްވާފައި އެމަނިކުފާނުގެ ކާރު ހަމަވީމައި އޭތި ގޮއްވާލުމުގެ މަގުސަދުގައި ކޮށްފައި އޮތް ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ،" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މި ހަމަލާ ދެވުނު ނަމަ ރައިސުލްޖުމްހޫރިއްޔާގެ ކާރު ބުރައިގެން ދާނެ ކަމާމެދު ޝައްކެއް ނެތް ކަމަށާއި ބާއްވާފައި އޮތް ޑައިނަމެއިޓް ބާއްވާފައި އޮތީ އޭތި ކޮންމެ ވަގުތެއްގައި ގޮއްވާލެވޭ ގޮތަށް ކަމަށެވެ.
ރޭ ފެނުނު ޑައިނަމައިޓް ގޮވި ނަމަ 60 ފޫޓުގެ އަލިފާން ބޯޅައެއް އުފެދުނީސް ކަމަށް އުމަރު ވިދާޅުވިއެވެ.
"އޭތި ގޮއްވާލެވުނަމަ ރޭގައި، ރޭގައި މި ދަންނަވާ ޑައިނަމެއިޓް ގޮއްވާލެވުނުނަމަ 60 ފޫޓުގެ ބޮޑު އަލިފާން ބޯޅައެއް އުފެދޭނެ، އެވަރުގެ ވަރުގަދަ ޑައިނަމެއިޓެއް ބާއްވާފައި އޮތީ،" މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
ފުޅާމިނުގައި 60 ފޫޓު ހުރި އަލިފާން ބޯޅެއް އެމަގުގައި އުފެދުންނަމަ އެ ސަރަހައްދުގައި ގެތަކަށް ވަރަށް ބޮޑަށް އަސަރުކޮށް އެތައް ބައެއްގެ ފުރާނަ ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މިއީ ހާއިނުންތަކެއް ދިވެހި ދައުލަތަށް ދެމުން ގެންދާ ހަމަލާތަކެއް ކަމަށާއި މިއީ ދިވެހި ދައުލަތުގެ ކަރާމާތާއި އިސްތިގުލާލާ ދެކޮޅަށް ދެވޭ ހަމަލާތަކެއްކަން އެއްވެސް ފަރާތުން ދޮގުނުކުރާނެ ކަމަށެވެ.
"މިއީ އެއްވެސް ގޮތަކަށް ސިޔާސީ ހަމަލާއެއް ނޫން، މިއީ ވެރިކަން ހޯދުމުގައި އެއްވެސް އިންތިހާބަކާ ނުލައި ވެރިކަން ހޯދުމަށް ކުރިން ވެސް ކުރެވުނު މަސައްކަތަށް އިތުރު ކުރެވުނު ބޮޅެއް ރޭގައި ފެނިގެން އެދިޔައީ،" މިނިސްޓަރު އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ