ގާސިމް އަށް ރައީސްކަމަށް ކުރިމަތިނުލެވޭ އިސްލާހު އަނބުރާ ގެނެސްފި

އުމުރުން 65 އަހަރުވުމުން ރައީސްކަމުގެ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި އިސްލާހު އަނބުރާ ގެނެސްފިއެވެ.
ގާނޫނު އަސާސީއަށް އެ އިސްލާހު ހުށަހަޅުއްވަން ނިންމެވި ސަރުކާރު ހިންގާ ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ހޯރަފުށި ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް "ވަގުތަށް" މައުލޫމާތުދެއްވަމުން ވިދާޅުވީ ބިލު އަނބުރާ ގެނައީ ސަރުކާރުގެ އިސް ފަރާތްތަކުން ބިލު އަނބުރާ ގެންދިއުމަށް ލަފާ ދެއްވުމާއި ގުޅިގެން ކަމަށެވެ.
"އަޅުގަނޑަކީ ސަރުކާރު ފަޅީގައި ހުރި މެންބަރަކަށް ވާތީ ސަރުކާރުގެ އިސް ފަރާތްތަކުގެ ލަފަޔާއިއެކު އެކަން ކުރީ،" އިބްރާހިމް އިސްމާއީލް ވިދާޅުވިއެވެ.
މުހައްމަދު ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހާއި ގައުމުގެ މަސްލަހަތަށް ބަލާ އިރު މިވަގުތު އެންމެ ރަނގަޅު ގޮތަކީ 65 އަހަރުން މަތީގެ މީހުންނަށް ރައީސް ކަމަށް ކުރިމަތި ނުލެވޭ ގޮތަށް އޭނާ ހުށަހެޅުއްވި އިސްލާހު ނެގުން ކަމަށާއި މިއަދު ސިޔާސީ މަސްރަހު ހަލަބޮލިވެފައިވަނީ މައިގަނޑު ގޮތެއްގައި މި ބިލުގެ ސަބަބުން ކަމަށެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު އަދީބު ރޭ ބޭއްވެވި ބައްދަލުވުމުގައި އެ ބިލް އަނބުރާ ނެގުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ގާސިމްގެ މި ހުށަހެޅުމަށް އަދީބު އެއްބަސްވެ، އެ ބިލް ނެގުމުގެ މަސައްކަތް ފެށިކަން ރޭ ވަނީ ހާމަ ވެސް ކުރައްވާފައެވެ.
ދިޓީވީ ހިންގާ އިމާރާތާ އިންވެގެން ހުންނަ ބައިގައި ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު މީޑިއާއަށް ވިދާޅުވީ އެ ބައްދަލުވުމުގައި ސިޔާސީ ވާހަކަ އާއި ފައިސާގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދީބު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާސިމާއި އުއްޗުއާއެކު ބޭއްވި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއް ކަމަށާއި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަންތައްތަކާއި އެއްބަސްވި ކަންތައްތައް ހާމަކުރެވެން ނެތް ކަމަށެވެ.
މިއިސްލާހް ފާސްވެއްޖެނަމަ މިހާރު ސިޔާސީ ދާއިރާގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ރިޔާސީ އިންތިޙާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
2018 ވަނަ އަހަރު އަންނައިރު ރައީސް މައުމޫންއަށް 81 އަހަރުފުޅު ވާއިރު ގާސިމަށް 68 އަހަރުފުޅު ވާނެ އެވެ.
ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ)ގައި މިހާރު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ވުމުންނެވެ. ނަމަވެސް ރައީސްކަމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ