ޖަލުގެ ހަމަނުޖެހުމުގެ ކަންކަން ބެލުމަށް ކްރިމިނަލް ކޯޓުން ކަރެކްޝަންސްއަށް އަންގަނީ!

މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ގައިދީންގެ ފަރާތުން ޝަކުވާ ބޮޑުވެ އެކަންކަން ބަލައި ތަހުގީގުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއަށް އަންގަން، ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ކްރިމިނަލް ކޯޓުން މިހެން ނިންމާފައިމިވަނީ ބްލޮގަރ ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގައި ދައުވާ ލިބޭ ފަރާތުން އެކަމުގެ ޝަކުވާތައް ހުށަހެޅުމާ ގުޅިގެންނެވެ.
އޭޕްރީލް، 2017 ގައި، ޔާމީން ދިރިއުޅުނު ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގޭ އަހުމަޒު ޒިހާން އިސްމާއިލާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރަށް، މ. ތާއިފް އިސްމާއިލް ރަޝީދު، އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ.
މި އަޑު އެހުމުގައި ދައުވާލިބޭ ފަރާތެއް ކަމަށްވާ އިސްމާއިލް ރަޝީދު ބުނީ، މާފުށީ ޖަލުގައި ހަމަނުޖެހުންތަކެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމުން ކަންބޮޑުވެ މާލޭ ޖަލުގައި އެފަދަ ކަމެއް ނުހިނގާނެ ކަން ޔަގީންކޮށްދިނުމަށް ކަރެކްޝަންސްގެ އޮފިސަރުން ކިބައިން އެދުނު ކަމަށެވެ.
އެގޮތަށް އެދުމުން ކުރިމަތިލާން ޖެހުނީ ދަތިތަަކަކާއި ކަމަށާއި، އަދި އޭނާއާއި އަދިވެސް އިތުރު މީހަކު ތިބި ގޮޅިން އެހެން ގޮޅިއަކަށް ބަދަލުކުރި ކަމަށާއި، ބަދަލުކުރި ގޮޅިއަކީ ވަރަށް ސާތާހިރުކަން ކުޑަ ގޮޅިއެއް ކަމަށާއި، ދެމީހުން އަމިއްލައަށް އެތަން ސާފުކުރުމުން އަނެއްކާވެސް ނުތާހިިރު ގޮޅިއަކަަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
އަދި މިހާރު ތިބޭ ގޮޅީގެ ފާހަނައަކީވެސް މީހުން ބޭނުން ނުކުރާހާ ނުތާހިރު ތަނެއް ކަމަށާއި، އަދި އެތަނުގައި ފެން ލިބޭނެ ގޮތެއްވެސް ނެތް ކަމަށް އޭނާ ބުންޏެވެ.
އިސްމާއިލް ރަޝީދުގެ ގާނޫނީ ވަކީލް މައުމޫން ހަމީދުވެސް ވަނީ، ކޯޓުގައި އެކަމާ ގުޅިގެން ކަނބޮޑުވުން ފާޅުކުރައްވާފައެވެ. މައުމޫން ހަމީދު ވިދާޅުވީ އެފަދަ ކަންކަމަކީ ޓޯޗާގެ އަމަލުތައް ކަމަށާއި، އެކަންކަން ބަލައި ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
މީގެ އިތުރަށް މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދައުވާލިބޭ ޒިހާން ބުނީ ކަރެކްޝަންސްގެ އޮފިސަރުން އޭނާއަށް އެކި ގޮތްގޮތުން އަނިޔާކޮށްފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހު އޭނާ ގައިގެ އެކި ތަންތަނަށް ޕެޕާ ސްޕްރޭ ޖަހައި އޭނާއަށް ކަރެކްޝަންސްގެ އޮފިސަރުން އަނިޔާކުރި ކަމަށެވެ. އެ އަނިޔާތަކުގެ ނިޝާންތައް އޭނާގެ އަތާއި ބުރަކަށީގައި މިހާރުވެސް އެބަހުރި ކަމަށެވެ.
ޒިހާންގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ ޖަލުގައި އަނިޔާކުރާ މައްސަލަތަކަކީ ސީރިއަސް ގޮތެއްގައި ބަލަންޖެހޭ ކަންތައްތަކެއް ކަމަށެވެ. ދައުވާ ލިބޭ މީހުން ބަންދުގައި ބައިތިއްބާނަމަ، އެކަން ކުރަންޖެހޭނީ ރައްކާތެރި ތަނެއްގައި ކަމަށްވެސް ހަސީން ވިދާޅުވިއެވެ.
ދައުލަތުންވެސް ބުނީ ބަންދުގައި ބައިތިއްބާ މީހުން ތިބެންޖެހޭނީ ރައްކާތެރި ތަނެއްގައި ކަމަށާއި އެފަދަ އަމަލުތަކެއް އެމީހުންނާމެދު ހިންގާނަމަ، އެއީ ބަލަންޖެހޭ ކަންތައްތަކެއް ކަމަށެވެ. އެހެންވެ، އެކަންކަން ބެލުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަން ޖެހޭނެ ކަމަށްވެސް ދައުލަތުން ބުންޏެވެ.
ބަންދު މީހުންގެ މި ކަންބޮޑުވުންތަކާ ގުޅިގެން ވަކީލުންގެ ވާހަކައަށްވެސް ރިއާޔަތްކޮށް އެމައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އެކަންކަން ބެލުމަށް ކަރެކްޝަންސްގެ މައްޗަށް ކޯޓުން އަންގާނެ ކަމަށެވެ.
މާފުށީ ޖަލުގައި ހިނގަންފެށި ހަމަނުޖެހުންތަކުގައި، ބަންދުގައި ތިބި ބައެއް މީހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިންގި މައްސަލަ ވަނީ ބޮޑުވެފައެވެ. އޭގެ ތެރޭގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ބައެއް މީހުންވެސް ހިމެނެއެވެ.
މި ހަމަނުޖެހުންތަކުގައި ޖަލު އޮފިސަރުން ގޮޅިތަކަށްވަދެ ޕެޕާސްޕްރޭޖަހައި ބައެއް ގައިދީން ގޮޅިން ބޭރަށްނެރެ ކުޑަކަކޫ ޖެއްސި ކަމަށް ވަނީ އަޑުފެތުރިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ