ޔާމީން ސިޔާސީ މައިދާނުން ދުރަށް ޖެހިލުމަށް މޫސަ ގޮވާލައިފި

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ފެއިލް ވެއްޖެ ކަމަށާއި އެހެންކަމުން ސިޔާސީ މައިދާނުން ދުރަށް ޖެހިވަޑައިގަތުމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ގޮވާލައިފިއެވެ.
މިމަހު 6 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުން ލިބުނު ބޮޑު ނާކާމިޔާބީއަށް ފަހު ޕީޕީއެމްގެ ލީޑާޝިޕްގެ އިސް ބޭފުޅުން އިސްތިއުފާ ދިމުނަށް ފަހު އައު ލީޑާޝިޕް އަކަށް ފުރުސަތު ދިނުމަށް ގޮވާލަމުން އަންނަ ދަނޑިވަޅެއްގައި އިއްޔެ އޮތް މަޖިލިސް ޖަލްސާގައި ވާހަަކަދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީގައި އޭނާ ހުރި ދުވަސްވަރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުން ނާކާމިޔާބުވުމުން ޕާޓީގެ ލީޑަޝިޕުން އިސްތިއުފާ ދެއްވުމަށްފަހު ދުރަށް ޖެހިވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑު މިއަދު ވަރަށް އަދަބުވެރިކަމާއެކު އެދެން އަބްދުއްރަހީމަށް ވެސް ޕީޕީއެމް ދޫކޮށްލައްވާށޭ. ރައީސް ޔާމީނަށް ވެސް ދަންނަވަން ދޫކޮށްލައްވާށޭ. އެތަށް ބައެއްގެ ނަމުގައި ލިބޭ ލާރި، ދަރަނިތަކާ އެއްޗެހި ދައްކާ ހުރިހާ ކަމެއް ކޮށްފައި ތިމާ އަމިއްލަ އަށް ނުހުންނަވާށޭ. ފެއިލްވީމާ ދުރަށް ޖެހިވަޑައިގަންނަވާށޭ. ސިޔާސީ މުސްތަގުބަލު އެބަ އޮތޭ. ޕީޕީއެމް ހިންގަން ބޭނުންވާ ބަޔަކަށް ޕީޕީއެމް ހަވާލުކޮށްލާށޭ" މޫސަ ވިދާޅުވިއެވެ.
މޫސަ ވަނީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގައި ޔާމީންގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވެފައެވެ. ނަމަވެސް ރިޔާސީ އިންތިޚާބަށް ފަހު އޭނާ ޕީޕީއެމް އާއި ދުރަށް ޖެހިވަޑައިގެންނެވިއެވެ. މަޖިލިސް އިންތިޚާބުގައި މޫސަ ވާދަކުރައްވާފައެއް ވެސް ނުވެއެވެ.
މަޖިލިސް އިންތިހާބުން އެމްޑީޕީ އަށް 65 ގޮނޑި ލިބުނުއިރު އިދިކޮޅު ފަރާތްތަކަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް އަށް ފަސް ގޮނޑި ލިބުނުއިރު ކޮންގްރެސް ޕާޓީ އަށް ލިބުނީ ތިން ގޮނޑިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ