މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސައުދި އަރަބިއްޔާގެ ކުރައުން ޕްރިންސް ސަލްމާން ބިން އަބްދުލް އަޒީޒް އާލް ސައުދުއާ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް މިއަދު ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު އެވެ. މިބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް މައުމޫން ވަނީ އެމަނިކުފާނުގެ ޒައާމަތުގައި ސައުދީ އަރަބިއްޔާއިން ވެދެއްވާފައިވާ އެހީތެރިކަން ފާހަަގަކުރައްވާ ޕްރިންސް ސަލްމާނަށް މިބައްދަލުކުރެއްވުމުގައި ޝުކުރު އަދާކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ޕްރިންސް ސަލްމާން ވަނީ އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މައުމޫނާ ބައްދަލުވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ އުފާފުޅުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ޕްރިންސް ސަލްމާން ރާއްޖެއަށް ކުރައްވަމުން މިގެންދަވާ ރަސްމީދަތުރުފުޅުގައި ދިވެހި ސަރުކާރާއެެކު ރަސްމީ މަޝްވަރާތަކެއް ވެސް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ސައުދި އަރަބިއްޔާގެ ޑިފެންސް މިނިސްޓަރު ކަން ވެސް ކުރައްވަމުން ގެންދަވާ ޕްރިންސް ސަލްމާން ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށްފަހު އެމަނިކުފާނު ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޗުއްޓީ ހޭދަކުރެއްވުމަށް ރާއްޖޭގެ ތިން ރިސޯޓެއް މިހާރު ވަނީ ބުކްކޮށްފަ އެވެ. އަދި ޕްރިންސް ސަލްމާންގެ ޗުއްޓީއަށް ގާތްގަނޑަކަށް 30 މިލިއަން ޑޮލަރު ހޭދަކުރައްވާނެ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ރައީސް މައުމޫން ޕްރިންސް ސަލްމާނާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ