ހއ. ވަށަފަރުގައި ހުރި އިންޖީނު ހަލާކުވެ، ރަށުން ތެޔޮ ވެސް ހުސްވެފައިވާ ކަމަށާއި މިރޭ ވެސް ކަރަންޓް ދެވޭނެ ގޮތެއް ނެތް ކަމަށް ރަށު ކައުންސިލްގެ އިދާރާއިން ބުނެފި އެވެ.
ރަށު ކައުންސިލްގެ ރައީސް އާދަމް ޒާހިރު މިއަދު ވިދާޅުވީ ރައްޔިތުން ހިންގާ އިންޖީނު ގެއިން މި ވަގުތު ތެޔޮ ހުސްވެފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ.
"އިންޖީނު ވެސް ހުރީ ހަލާކުވެފައި. މިއަދު ވެސް އިއްޔެ ވެސް ރަށުގައި ކަރަންޓެއް ނެތް. ރޭ ވެސް ކަރަންޓް ދިނީ ރަށުގެ އެއްބަޔަށް،" އޭނާ ވިދާޅުވި އެވެ. "ކްރެޑިޓަށް ތެޔޮކޮޅެއް ހޯދައިގެން މިރެއަށް ކަރަންޓް ދެވޭތޯ އެބަ މަސައްކަތް ކުރަން. އެކަމަކު އަދި އެކަން ކާމިޔާބެއް ނުވޭ."
ޒާހިރު ރޭ ވިދާޅުވީ އެ ރަށުގައި ކަރަންޓް ދޭން ހުންނަ 65 ކިލޯވޮޓްގެ އިންޖީނު ހަލާކުވުމާ އެކު މިހާރު ބޭނުންކުރަނީ އިމަޖެންސީގައި ބޭނުން ކުރަން ހުރި 35 ކިލޯވޮޓްގެ އިންޖީނު ކަމަށާއި އެ އިންޖީނުން ކަރަންޓް ދެވެނީ ރަށުގެ އެއްބަޔަށް ކަމަށެވެ.
"... ރޭގަނޑު ދަތިތައް ކުރިމަތިވާނެތީ ކޮންމެހެން ވެސް ކަރަންޓް ދޭން ޖެހޭނެތީ އަބަދުވެސް ކޮންމެވެސް އެއް ސަރަހައްދަކުން ކަރަންޓް ކަނޑާފައި އަނެއް ސަރަހައްދަކަށް ދެމުން މިދަނީ. އެހެންވެ ރަށުގެ ކޮންމެވެސް އެއްބަޔަކުން އަބަދުވެސް ކަރަންޓް ކެނޑެމުން ދާނެ،" ޒާހިރު ވިދާޅުވި އެވެ. "އިންޖީނު ހެދޭތޯ ވެސް ރޭ މަސައްކަތް ކުރިން. އެކަމަކު އަދި ހެދޭ ގޮތެއް ނުވި."
ރަށު ކައުންސިލަށް ލިބެން ޖެހޭ ފައިސާ "ސަރުކާރުން ވަނީ ހިފަހައްޓައިފައި" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ ތެރެއިން ފައިސާކޮޅެއް ހަމަޖެހޭތޯ މާދަމާ ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ވަށަފަރު އިންޖީނު ހަލާކުވެ، ތެޔޮ ހުސްވެ ކަރަންޓް ދޭނެ ގޮތެއް ނެތް: ކައުންސިލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ