އަބްދުﷲ ގާޒީ "ގެއްލުވާލި" މައްސަލަ ބައިނަލްއަގުވާމީ ކޯޓަށް ހުށަހަޅައިފި

ސިފައިން ނުކުމެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު ހައްޔަރުކޮށްފައިވާ މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ހުށަހަޅައިފި ކަމަށް، ޖުޑީޝަރީއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގައި އިސްކޮށް އުޅޭ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.މިއީ ރާއްޖޭގެ ކަމަކާ ގުޅޭ ގޮތުން ބައިނަލްއަގްވާމީ ކޯޓަށް ހުށަހެޅި ފުރަތަމަ މައްސަލަ އެވެ.ގާނޫނީ ވަކީލުންތަކެއް އިސްނަގައިގެން މި މައްސަލަ ބައިނަލްއަގްވާމީ ކޯޓަށް ހުށަހެޅީ މިއަދުގެ ވަގުތެއްގައި ކަމަށް އެކަމުގައި އިސްވެ ހަރަކާތްތެރިވާ ވަކީލަކު ވިދާޅުވި އެވެ."އަޅުގަނޑުމެން މި މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހެޅީ، އިންޓަނޭޝަނަލް ކޮންވެންޝަން އޮން ޕްރޮޓެކްޝަން އޮފް އޯލް ޕާސަންސް އެގެއިންސްޓް އެންފޯސްޑް ޑިސްއެޕިއަރެންސް މުއާހަދާގެ ދަށުން. އެ މުއާހަދާގައި ނުކުރުމަށް ބުނެފައިވާ ކަންތައްތައް އަބްދުﷲ ގާޒީއާ މެދު ވަނީ ހިންގާފައި. މުއާހަދާގައި ބުނެފައިވާ ގޮތުން އެއްވެސް މީހަކު ގާނޫނުގެ ރައްކާތެރިކަމުން އެއް ފަރާތް ކޮށްލައިގެން ނުވާނެ. އެކަމަކު އަބްދުﷲ ގާޒީ ވަނީ އެންފޯސްޑް ޑިސްއެޕިއަރެންސް ނޫނީ ގާނޫނުގެ ނިޒާމުން ބޭރުކޮށްލާފައި. އެހެންވީމަ މި މައްސަލަ ވަރަށް ރަނގަޅަށް އެ މުއާހަދާއަށް ފެތޭ،" ވަކީލުންގެ ފަރާތުން ވާހަކަ ދެއްކެވި މައުމޫން ހަމީދު ވިދާޅުވި އެވެ.އޭނާ ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ، ގާނޫނުގެ ނިޒާމުން "ގެއްލުވާލި" މައްސަލަ ބައިނަލްއަގްވާމީ ކޯޓުގައި ކުރިއަށް ގެންދާނީ، އެ ކޯޓުގެ ޕްރޮސެކިއުޓާ ކަމަށެވެ.ސިފައިން އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު އޭނާ ހުރި ތަން އާއިލާ އަށް ހާމަކޮށްފައި ވަނީ، ހައްޔަރުކުރިތާ 48 ގަޑިއިރުވާން އުޅެނިކޮށެވެ. އަބްދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ސިފައިންގެ ތަމްރީނުތަކަށް ބޭނުންކުރާ ގިރިފުށީގަ އެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު އޭނާ ދޫކޮށްލުމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން ކުރި އަމުރުތަކަށް އެމްއެންޑީއެފުން ތަބާވެފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ."އަބްދުﷲ ގާޒީ ދިރިހުރުމުގެ ހައްގު ލިބިފައިވާކަން ވެސް މި އެނގުނީ އިހަށް ދުވަހު. އެވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ގިރިފުއްޓަށް ކުރި ޒިޔާރަތުން. އެކަން ވެސް މި އެނގެނީ ސެކަންޑް ހޭންޑްކޮށް،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ