ސިފައިން ހައްޔަރުކޮށްގެން ކ. ގިރިފުށީގައި ގެންގުޅެމުންދާ، ކްރިމިނަލް
ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު މިނިވަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ގޮވާލައިފި އެވެ.ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފަނޑިޔާރުންނާ މެދު ސުލޫކީ ގޮތުން ކުރެވޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމާއި މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން ފަދަ ކަންތައް ކުރުމުގެ ބާރު ގާނޫނު އަސާސީ އާއި ގާނޫނުތަކުން ލިބިދީފައި ވަނީ ޖޭއެސްސީ އަށް ކަމާއި އެއީ ސިފައިންނާއި ފުލުހުންނަށް އޮތް ބާރެއް ނޫން ކަމަށެވެ. ފަނޑިޔާރަކު އޭނާގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި އަދި ދިން ރައުޔަކާ ގުޅިގެން ނުވަތަ ކުރި ހުކުމަކާ ގުޅިގެން، ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ނުވަތަ އިސްތިއުނާފުކުުރުމުގެ އުސޫލުތަކުގެ ބޭރުން ޖަވާބުދާރީ ނުކުރެވޭނެކަން ޖޭއެސްސީން ފާހަގަކޮށްފައިވެ އެވެ. އަދި ޖިނާއީ ކުށެއްގެ ތުހުމަތުގައި ވެސް ފަނޑިޔާރަކު ހައްޔަރުކުރެވޭނީ އެ ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓަކަށް ވުރެ މަތީ ކޯޓެއްގެ އަމުރު ޕްރޮސިކިއުޓާ ޖެނެރަލްގެ އެދުމުގެ މަތިން ލިބިގެންކަން ވެސް ފާހަގަކޮށްފައިވެ އެވެ. ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާންވެގެންވާ ގޮތާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމުން ވެސް އޭނާ ދޫކޮށްލާފައި ނުވާތީ ޖޭއެސްއެސްސީން ވަނީ އަބްދުﷲ ގާޒީ "ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް" ސިފައިންނަށް "އިލްތިމާސްކޮށް ގޮވާލައި" ފަ އެވެ. މި މަހުގެ 16 ވަނަ ދުވަހު އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ފަހު ކޯޓުތަކުން އޭނާ ހާޒިރުކޮށްދިނުމަށް ކުރި އެއްވެސް އަމުރަކަށް ސިފައިން ތަބާވެފައެއް ނުވެ އެވެ.
އަބްދުﷲ ގާޒީ މިނިވަންކުރުމަށް ޖޭއެސްސީން ސިފައިނަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ