ރިޔާސީ އިންތިޚާބު ބާތިލްކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ތެރެއަށް ވަންނަން އިދިކޮޅު ތިން ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ހުށަހަޅައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ރައީސް މައުމޫންގެ އިތުރުން އެ މައްސަލައިގެ ތެރެއަށް ވަންނަން ހުށަހަޅާފައިވަނީ މޯލްޑިވްސް ޑިމޮރެޓިކް ޕާޓީ (އެމްޑީޕީ)އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އަދާލަތު ޕާޓީއެވެ.
އެ މައްސަލަ މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާ އިރު، ރައީސް ޔާމީން ހުށަހެޅުއްވި މައްސަލައިގެ ދައުވާ ފޯމް ވަނީ ދާދިފަހުން ލީކުވެފައެވެ. އެ ދައުވާ ފޯމުގައި ރައީސް ޔާމީން ވަނީ ގިނަ މައްސަލަތަކެއް ފާހަގަކުރައްވައިފައެވެ.
އޭގެ ތެރޭގައި ނަތީޖާ އޮޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރެއް ޗައިނާއިން އަނގޮޓިތަކެއް ގެނެސް، ވޯޓު ކަރުދާސްތައް ބަދަލުކުރި ކަމާއި، ދެލި ފުހެވޭ ގަލަމެއް ބޭނުންކޮށްފައިވާ ކަން ވެސް ފާހަގަކޮށްފައިވެއެވެ. ވޯޓުލައި ނިމުމަށްފަހު ވޯޓު ކަރުދާސްތައް ތަރުތީބު ކުރުމާއި ބައިބަޔަށް އަޅަމުންދިޔަ ވަގުތު ފޮހެވޭ ގަލަމުން ފާހަގަޖެހި ވޯޓު ކަރުދާސްތަކުގައި އެހެން މީހުންނަށް ނޭނގޭ ގޮތަށް އަނގޮޓި ބޭނުންކޮށްގެން ބޭނުން ފާހަގައެއް ލާފައިވާ ކަމަށް އެ ދައުވާ ފޯމުގައި ބުނެފައިވެއެވެ.
ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރި އެމް ސެވަން ޕްރިންޓާސްގެ ހިއްސާދާރުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެ ދަރިން ކަމަށްވާ ޚަދީޖާ ސަނާއާއި އިބްރާހިމް ސިޔާދު ގާސިމް ހިމެނޭ ކަމާއި ގާސިމްގެ ވިލާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ 999 ހިއްސާ އޮންނަ ކަމަށް ދައުވާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ވޯޓު ކަރުދާސްތައް ޗާޕުކުރަން ހަވާލުކުރަން ހުޅުވާލި ބިޑިން ޕްރޮސެސްގައި ވެސް މައްސަލަތަކެއް އުޅާކަން ފާހަގަކޮށްފައިވެއެވެ.
ދައުވާ ފޯމުގައި ގައުމީ ކޮމްޕްލެއިންޓް ބިއުރޯގެ މައްސަލަތަކާއި ވޯޓިން ބޫތުގެ މައްސަލަތައް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން ވޯޓުލާ މަރުކަޒަށް ވެއްދުން މަނާތަކެތި ކަމުގައިވާ އަތްދަބަހާއި ފޯނުފަދަ ތަކެތި ވޯޓުލާ ގިނަ މަރުކަޒުތަކުގައި ގެންގުޅެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ވޯޓުލުމަށް ހަވާލުކުރެވޭ ކަރުދާސް މަރުކަޒުން ބޭރަށް ގެންދިޔުމާއި އަދި މަރުކަޒުން ބޭރުން ގެނެސްފައިވާ ކަރުދާސް ވޯޓު ފޮއްޓަށް އެޅުމުގެ ހާދިސާތައް ހިނގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބަޔާންކޮށްފައެވެ.
އަނގޮޓީގެ މައްސަލަ އާއި އަދި އެނޫން ވެސް މައްސަލަތަކެއް ފާހަގަކޮށް އެ މައްސަލަތައް ތަހުގީގުކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް އެ ދައުވާގައި އެދިފައިވެއެވެ.
އިންތިޚާބުގެ މައްސަލަ ތަހުގީގުކޮށްދިނުމަށް އަމުރު ކުރުމުގެ އިތުރުން އެ އިންތިޚާބުގެ ނަތީޖާ ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރިން ނެރެފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، މިނިވަންކަން ކަށަވަރު ކުރެވޭ ގޮތެއްގެމަތިން ރިޔާސީ އިންތިޚާބު އަލުން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ދައުވާގައި ވަނީ އެދިފައެވެ.
އިންތިހާބުގެ މައްސަލައަށް ތިން ޕާޓީއާއި މައުމޫން ވަންނަން ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ